ޣައިރު މުސްލިމު ގައުމުތަކުގައި ވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭކަމަށާއި މަސްތުވާތެކެތީގެ ނުރައްކާ ބޮޑުވެގެން އެއާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހަމައެކަނި މުސްލިމު ގައުމުތަކެއް ނޫން ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު ހުކުރު ހުތުބާގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ނުބައި ކަމުގެ މައްޗަށް އަލިއަޅުވާލާފައި ވާއިރު ހުތުބާގައި ބުނީ އިސްލާމްދީނުގައި އިންސާނާގެ ބުއްދިއަށް ރައްކާތެރި ވުމަށް ހާއްސަ ސަމާލުކަމެއް ދީފައި ވާކަމަށެވެ.
އެހެންނަމަވެސް މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދި އާއި ހެޔޮ ވިސްނުމުން އެއްކިބާ ކުރާ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމުން ސިކުނޑިއަށް ލިބޭ ގެއްލުމަކީ އަލުން ފޫ ބެއްދޭ ވަރުގެ ގެއްލުމެއް ނޫންކަމަށް ބުނެފައެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލެވުނު ނަމަވެސް އޭގެ އަހަރުތަކެއް ފަހުން ވެސް އެއާ ދިމާއަށް ދިއުމަކީ އެކަށީގެންވާ ކަމެއްކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ ވަބާ އަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެކަން ރާއްޖޭގައި ވެސް އާއްމުވެފައިވާ ކަމަށެވެ. އަދި ގައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މަސްތުގެ ވަބާގައި ޖެހިފައިވާކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ބުނެފައެވެ. އަދި އިސްލާމްދީނުގައި އެހެން މީހުންނަށް ގެއްލުން ދިނުމާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުން ހަރާމް ކުރައްވާފައިވާ އިރު މަސްތުގެ ވަބާގެ ތެރެއަށް ވަނުމަކީ މި ދެކަމުގެ ވެސް އަޒާބު ލިބޭނެ ކަމެއްކަމަށް ހުތުބާގައިވަނީ ބުނެފައެވެ.