ދިވެހިންގެ އަތްތެރި މަސައްކަތް މިއަދާ ހަމައަށް ފެންނަން ހުރި އެއް ބިނާ ކަމަށްވާ މާލޭ ހުކުރު މިސްކިތް މަރާމާތުކޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ލަކުޑި ހޯދަން ޓެންޑަރިންއަށް ހުޅުވާލަން ނިންމައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންއެ މަޝްރޫއުގެ މަސައްކަތަށް އަސަރު ކޮށްފައިވާ ނަމަވެސް މިދިޔަ މަހު އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭއެސްއައި) ގެ ޓީމެއް ރާއްޖެ އައިސްފަވާ ކަމަށެވެ.

އަދި މިސްކިތް ހިމާޔަތް ކުރުމަށާއި މަރާމާތުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ޑޮކިއުމެންޓޭޝަން ފެށިފައިވާ ކަމަށެވެ. އެ މަޝްރޫއުއަށް ބޭނުންވާ މަސައްކަތްތެރިންނާއި، ސާމާނު އަދި ލަކުޑި ހޯދުމަށް މި ހަފްތާގެ ތެރޭގައި ޓެންޑާ އަށް ހުޅުވާލެވޭނެ ކަމަށައި މި ޓެންޑަރުގައި ދިވެހި އަދި އިންޑިއާގެ ކުންފުނިތަކަށް ބައިވެރިވެވޭނެއެވެ.

ހުކުރު މިސްކިތުގެ ލަކުޑިތައް ހަލާކުވާން ފަށާފައި / ފޮޓޯ: އިންޑިއާ ހައިކޮމިޝަން

2019 ވަނަ އަހަރު ޖޫން މަހު، މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރޭގައި ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މާލޭ ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް އިންޑިއާއިން ހުށައެޅިއެވެ.

ހިރިގަލުން ހަދާފައިވާ މި އާސާރީ މިސްކިތްފަދަ އެހެން މިސްކިތެއް ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތް، ހުކުރު މިސްކިތް މަރާމާތުކޮށް ހިމާޔަތް ކުރުމަށް އިންޑިއާއިން މަސައްކަތް ކުރާނެ
ނަރޭންދްރާ މޯދީ

މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ހަތަރު އާސާރީ މިސްކިތެއް ވަނީ އިންޑިއާގެ ތަޖުރިބާއާއި އެހީތެރިކަމާއިއެކު މަރާމާތުކުރެވިފައެވެ. އެއީ:

  1. ހުކުރު މިސްކިތް، މާލެ – 1986-87
  2. ހުކުރު މިސްކިތް، ފެންފުށި – 2000-01
  3. ދަރުމަވަންތަ ރަސްގެފާނު މިސްކިތް، މާލެ – 2004
  4. އީދު މިސްކިތް – 2006

އިންޑިއާއިން ހުށަހެޅި އެ މަޝްރޫއުގައި ސްޓްރަކްޗަރަލް ކޮންސާވޭޝަން މަސައްކަތާއި، ކެމިކަލް ޕްރިޒަވޭޝަން މަސައްކަތް ހިމެނެއެވެ. އެގޮތުން މިސްކިތުގެ ވަޑާންގަނޑާއި، ބީމްތަކާއި، ފުރާޅުތަކާއި، ޕްލާސްޓާ ވޯކް، ޑްރެއިންޖް، ސައިނެޖް މަރާމާތުކުރުމާއި، ވަޑާންގަނޑާއި ލިޔެލާޖެހިފައިވާ ސަރަހައްދުތަކުގައި ކަތުރުފަނީގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން ލިބިފައިވާ ގެއްލުން ދެނެގަނެ އެކަށީގެންވާ ޓްރީޓްމެންޓް ދިނުން ހިމެނެއެވެ.

މާލޭ ހުކުރު މިސްކިތުގެ އަތްތެރި މަސައްކަތް / ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އަދި މި މަސައްކަތް ކުރިއަށް ދާނީ ރޯދަ މަހުގެ އަޅުކަމަށް ހުރަސް ނޭޅޭނޭހެންނާއި، ވިއްސާރަ ދުވަސްވަރު އެކަށީގެންވާ މިންވަރަށް ސަމާލުވެގެން ކަމަށް އެ ކޮމިޝަނުން ބުނެެއެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި 1658 ވަނަ އަހަރުގައެވެ. އަދި މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރެވުނީ ހިރިގަލެވެ.

މާލޭ ހުކުރު މިސްކިތުގެ ފާރެއް / ފޮޓޯ: އިންޑިއާ ހައިކޮމިޝަން

އަދި މަސައްކަތުގެ މާހިރުން ވަނީ ސިމެންތި ނުވަތަ މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާއި ގުޅުވައިގެން އިމާރާތްކޮށްފައެވެ. އަދި ހިރިގަލުގެ މަސައްކަތާއި ލަކުޑީގެ މަސައްކަތް ރީތި ޑިޒައިންތަކުން ލާމެހިފައެވެ. 2008 ވަނަ އަހަރު މި މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައެވެ.