ސިންގަޕޫރުގެ ރިވާ ވެލީ ހައި ސްކޫލްގެ ފާހާނާއެއްގެ ތެރޭގައި، އުމުރުން އެންމެ 13 އަހަރުގެ ފިރިހެން ކުއްޖަކު، އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން، އެ ގައުމުގެ ސްކޫލްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، މިފަދަ ކަންކަމަށް ސްކޫލްތަކާއި ތައުލީމާ ބެހޭ ވުޒާރާއިން ފާރަވެރިވާނެ ކަމަށް، ސިންގަޕޫރުގެ ތައުލީމާ ބެހޭ ވުޒާރާގެ ޑައިރެކްޓާ ޖެނެރަލް އޮފް އެޑިއުކޭޝަން، ވޮންގް ސިއު ހޫންގް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން މުޅި ސިންގަޕޫރަށް ވަނީ ސިހުން ގެނުވާ، ނާމާންކަން ވެރިވެފައެވެ. ސިންގަޕޫރަކީ ޖުމްލަ ގޮތެއްގައި، މިފަދަ ޖިނާއީ ޖަރީމާތަކާ ކުށްތައް މަދު ގައުމެއްގެ ޝަރަފާއި ރެކޯޑް ދަމަހައްޓަމުން އަންނަ ގައުމެކެވެ.

ވޮންގް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބެލެނިވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައި ވާ ކަމަށާ، ސްކޫލްތަކުގައި ދަރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމާ މެދު ބައެއް ބެލެނިވެރިން ހާސްވާނެ ކަން ގަބޫލު ކުރެއްވޭ ކަމަށެވެ. ސްކޫލްތަކަށް ދަރިވަރުން ހާޒިރުވެގެން އުޅޭ އިރު، އެ ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ ތައުލީމާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށާ، އަދި ދެމުން ދާނެ ކަންތައް ކަމަށްވެސް ވޮންގް ވަނީ ވިދާޅުވެފައެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި، 16 އަހަރުގެ ކުއްޖަކާ ދެކޮޅަށް އަންގާރަ ދުވަހު ވަނީ ދައުވާ އުފުލާފައެވެ. 16 އަހަރުގެ ކުއްޖާއަކީވެސް އެ ސްކޫލްގައި ތައުލީމު ހާސިލު ކުރާ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވާ ފެނުނު ފާހާނާ ތެރެއިން ކޯރާޑިއެއްވެސް ފެނިފައި ވާ އިރު، މިހާތަނަށް ބެލިބެލުމުން، އެއީ އޮންލައިންކޮށް ގަނެފައިވާ ކޯރާޑިއެއްކަން އެނގިފައި ވާ ކަމަށް، ސިންގަޕޫރުގެ ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކޭ ޝަންމުގަމް ވަނީ ހާމަ ކުރައްވާފައެވެ.