ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާއާ ގުޅޭ ދައުވާތަކާ ގުޅިގެން އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ބާރު އަޅާ ޕެޓިޝަންގައި މިހާތަނަށް 436 މީހުން ސޮއި ކޮށްފިއެވެ.
ޗޭންޖް އޯގް ގައި ހަދާފައިވާ ޕެޓިޝަންގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ޕެޓިޝަންގައިވާ ގޮތުން އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް، އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރާ އަޑު އިވޭ އޯޑިއޯ ތަކެއް ލީކްވި މައްސަލަ ޕެޓިޝަންގައި ފާހަގަ ކޮށްފައިވެއެވެ.
ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދުގެ ޝަރީއަތް ދަށު ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާތީ އެކަމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓަށް ހާޒިރުވާން އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް މިހާރު ވަނީ އަންގާފައެވެ. އަދި މި އަންނަ މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާ އޭނާ ބޭނުން ކުރައްވާ އީމެއިލް އަށް ކޯޓުން ވަނީ ޗިޓް ވެސް ފޮނުވާފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ކެންސަލް ކުރަން ވެސް ދައުލަތުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަތުމަށް ރަޖިސްޓްރާ ނިންމުމުން ދައުލަތުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
އަލީ ވަހީދުގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށާއި އެހެންނަމަވެސް އެކަން ތަންފީޒު ކުރެވެން އޮތީ އަލީ ވަހީދު ރާއްޖެ އައިސްގެން ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފައެވެ.
އަލީ ވަހީދުގެ ވިސާ ވީހާވެސް އަވަހަކަށް ކެންސަލްކޮށް އެ ގައުމުން ޑީޕޯޓުކޮށް ރާއްޖެ ފޮނުވާލުމަށް އިނދިރޭސިވިލާތުގެ ސަރުކާރަށް އެ ޕެޓިޝަންގައި ވަނީ އެދިފައެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުން އަލީ ވަހީދާއި ދެކޮޅަށް ފިޔަވަޅެއް ނާޅާހާ ހިނދަކު އެގައުމު ވާނީ އެފަދަ ރޭޕިސްޓުންނަށް އަމާންކަންދޭ ތަނެއް ކަމަށްވެސް އެ ޕެޓިޝަންގައި ބުނެފައިވެއެވެ.