ހުޅުމާޅޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައި ވާ ފްލެޓްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާ ދުވަސް ބަދަލުވެއްޖެއެވެ. އީދަށް ފަހު ދެން ސޮއި ކުރަން ފަށާނީ ޖުލައި 25، 2021 ވަނަ ދުވަހުން ފެށިގެންނެވެ.
އަޟްހާ އީދަށް ފަހު، ސޮއިކުރަން ކުރިން ހަމަޖައްސާފައި އޮތީ ޖުލައި 24، 2021 އެވެ.
ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ 24 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ނުފެށުނު ކަމުގައި ވިޔަސް ސޮއިކުރުން ކުރިޔަށް ދާނީ އެ ކޯޕަރޭޝަން އިން ކުރިން ވެސް އިއުލާނު ކޮށްފައިވާ ގޮތަށް ޓަވަރު ތަރުތީބުން ކަމަށެވެ.
މި ގޮތުން ޖުލައި 25 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ޓަވަރު H16 އެވެ.
ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދަނީ ކޮންމެ ޓަވަރަކަށް ވަކި ދުވަހެއް ކަނޑައަޅައިގެންނެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ފުރުސަތުދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްގެ ޒަރީއާއިން އެ ކޯޕަރޭޝަން އަށް މައުލޫމާތު ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ސޮއިކުރަން ތާވަލުކޮށް އެ ކޯޕަރޭޝަނުން އިއުލާން ކުރާ ފަރާތްތަކަށެވެ.
ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ދާއިރު ހެކިވެރިޔަކު ގެންދިއުމަށާއި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެންދިއުމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުން ހެކިވެރިއަކު ގެންދިއުން، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
- ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދީފައި ވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާ އެކު ހާޒިރުވުން.
- ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރު ވާއިރު، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެންދިއުން.
- ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސުކޫލުގެ ހޯލްގައެވެ.