ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދުނިޔޭގެ ފެންވަރުގައި ހިންގާ ވެކްސިން ކެމްޕޭންތަކުގައި ސިއްހީ ހިދުމަތްތެރިންނާ ބެލެހެއްޓުންތެރި މަސައްކަތްތެރިން 'ބާކީ" ވަމުން އަންނަ ކަމަށް، ނަރުހުންގެ އިއްތިހާދުން ބުނެފިއެވެ.

ސިއްހީ ހިދުމަތްތެރިންނާ ބެލެހެއްޓުންތެރި ހިދުމަތްތެރިން ނުވަތަ ކެއާ ވޯކަރުންނަކީ، ކޮވިޑުން ދިފާއުވުމަށް ހިންގާ ކެމްޕޭންތަކުގައި އެންމެ ހާއްސަ އަހައްމިއްޔަތު ކަމެއް އެ ބަޔަކަށް ދޭނެ ބައެއް ކަމަށް އެކި ގައުމުތަކުގެ ސަރުކާރުންތަކުން ވަނީ ވައުދުވެފައެވެ.

ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 މިލިއަން ޕްރޮފެޝަނަލުން ތަމްސީލު ކުރާ އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް (އައިސީއެން) އިން ބުނީ، އެތައް މިލިއަން ބަޔަކަށް އަދިވެސް ފުރަތަމަ ޑޯޒްވެސް ނުލިބޭ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ރެކޯޑްތަކަށް ބަލާއިރު، ސިއްހީ ހިދުމަތްތެރިންނާ ކެއާވޯކަރުންގެ ތެރެއިން ދުވާލެއްގެ މައްޗަށް، ކޮވިޑްގައި 200 މީހެއްގެ ފުރާނަ ގެއްލޭ ކަމަށް ލަފާ ކުރެވެއެވެ.

އައިސީއެންގެ ޗީފް އެގްޒެކެޓިވް، ހާވަޑް ކެޓޯން ވިދާޅުވީ، މި 200 މީހުންނަކީ މަތިންދާ ބޯޓެއް ވެއްޓިގެން މަރުވާ މީހުން ނަމަ، ވަގުތުން ވަގުތަށް ތަހުގީގުތައް ފަށާނެ ކަމަށެވެ. ނަރުހުންނާ ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނިކުންނަނީ ނުރައްކާ އެނގިގެން ކަމަށާ، އަދި އެ ނުރައްކަލުން ސަލާމަތް ވާނެ ގޮތްވެސް އެނގިގެން ކަމަށް ކެޓޯން ވިދާޅުވިއެވެ. އަދި ބައެއް ގައުމުތަކުގައި، ނުރައްކާ ނެތް މީހުންނަށްވެސް ކޮވިޑް ވެކްސިން ލިބޭ ކަން އެ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް އެނގޭ ކަމަށާ، ނަމަވެސް، އެ ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ވަނީ ބާކީ ކުރެވިފައި ކަމަށް ކެޓޯން ވިދާޅުވިއެވެ.

ހިތްވަރު ދެނިވި ފަށުވި ބަސްތަކުން ތައުރީފު ކުރި ކަމުގައި ވީ ނަމަވެސް، ސިއްހީ ހިދުމަތްތެރިންނަކީ ބޭނުން ކެނޑުމުން އެއްލާލާ ދަރަޖާގައި ވާ ބަޔަކަށް ވެފައި ވާ ކަމަށް ކެޓޯން ވަނީ ސިފަކުރައްވާފައެވެ.

ސިއްހީ ހިދުމަތްތެރިންނަށް ކޮވިޑް ޖެހޭ ނިސްބަތުގެ ރަސްމީ ތަފާސް ހިސާބުތަކަށް ވުރެ، ހަގީގީ އަދަދުތައް އިތުރު ވާނެ ކަމަށް ބެލެވެއެވެ. ބައެއް ގައުމުތަކަކީ ކޮވިޑް ޖެހޭ ސިއްހީ ހިދުމަތްތެރިންގެ މައުލޫމާތު ވަކިން އެއްކޮށް، ރިޕޯޓް ކުރާވެސް ގައުމުތަކެއް ނޫނެވެ.

މަސައްކަތްތެރިންގެ ބައިނަލްއަގުވާމީ އިއްތިހާދު (އައިއެލްއޯ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ އަދި ކެއާ ވޯކަރުންގެ ގޮތުގައި 135 މިލިއަން މީހަކު ދަނީ ދުނިޔޭގެ އާބަދީއަށް ހިދުމަތް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 140 ގައުމެއްގައި ތިބި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ކޮންމެ 8 މީހަކުން 1 ވަނީ ކޮވިޑާ ދެކޮޅަށް ޖަހަން ޖެހޭ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައެވެ. މީގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ މުއްސަނދި ގައުމުތަކުން ކަން ފާހަގަ ކުރަން ޖެހެއެވެ.