މި ދުވަސްވަރު އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ފަހުގެ ތާރީހުގައި ދުނިޔެ ދުށް މަހުޖަނުން، ޖައްވީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ޖައްސަމުން އަންނަ ސްޓަންޓްތަކުގެ ވާހަކައެވެ.

ބޮޑެތި މަހުޖަނުންތަކެއް ފަތުރުވެރިންގެ ގޮތުގައި ޖައްވަށް ދަތުރުކޮށް، އެމީހުންގެ ކުންފުނިތަކުން ފަތުރުވެރި އުސޫލުން އާންމުން ޖައްވަށް ގެންދިއުމުގެ ވިޔަފާރި ފުޅާ ކުރުމަށް ޖަހަމުން ދާ ރޭހުގައި، ވާޖިން ގެލެކްޓިކްގެ ރިޗާޑް ބްރޭންސަން މިހާރު ވަނީ ޖައްވަށް 1 ދަތުރު ކޮށް، މިޝަން ކާމިޔާބު ކޮށްފައެވެ.

ބްރޭންސަންގެ މިޝަންއަށް ތަހުނިޔާ ކީ މީހުންގެ އަޑަށް ވުރެ ގަދައަށް މިހާރު އިވެމުން ދާ އަޑަކީ، ޖައްވީ ފަތުރުވެރި ކަމާއެކު، ޖައްވު ހޫނު ކުރާ ވިހަ ގޭސްތައް ޖައްވަށް ބޭރުވެގެންދާނެ މިންވަރުގެ އިންޒާރުގެ އަޑެވެ.

ކަން މިހެން އޮތް އިރު މަހުޖަނު ޖެފް ބޭޒޯސް ދަނީ ޖުލައި 20 ވަނަ ދުވަހު ޖައްވަށް ދަތުރު ކުރަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އަދި ސްޕޭސް އެކްސްގެ އީލޯން މަސްކު ދަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖައްވީ މިޝަން ކާމިޔާބު ކުރަން މަސައްކަތް ކުރަމުންނެވެ. މިއާއެކު، ފަތުރުވެރި ޖައްވީ މިޝަންތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.

އަދާ ޖެހުނުއިރު ޖައްވީ ރޮކެޓްތައް އުދުއްސާލުމަކީ މަދުން ނޫނީ ނުހިނގާ މިޝަންއެކެވެ. އިންސާނުންގެ އަމަލުތަކުން ޖައްވަށް ބޭރުވާ ވިހަ ގޭހާ އަޅާ ބަލާއިރު، ޖައްވީ ރޮކެޓްތަކުގެ ސަބަބުން ބޭރުވާ ވިހަ ގޭހުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) ގެ ޗީފް ކްލައިމެޓް އެޑްވައިޒާ ގެވިން ޝްމިޑްޓް ވަނީ އޭއެފްޕީއަށް ވިދާޅުވެފައެވެ.

ކަން މިހެން އޮތްއިރު، މަދު މިނެޓްކޮޅަކަށް، ބޮޑެތި ރޮކެޓްފަހަރުގައި މަހުޖަނުން ޖައްވަށް އުދުއްސުމާ މެދު ގިނަ ބައެއްގެ ހިތުގައި ވަނީ ނުރުހުން އުފުދިފައެވެ.

ނަމަވެސް ވާޖިން ގެލެކްޓިކުން ވަނީ އެ ކުންފުނީގެ ޖައްވީ ޓެސްޓު ފްލައިޓްތަކުން ވިހަ ގޭސް ބޭރު ކުރާ މިންވަރު ކުޑަކޮށް، ކުރިއަށް އޮތް ތަނުގައި، މި ނިސްބަތް ވީހާވެސް ބޮޑަކަށް ދަށް ކުރަން، މިހާރުވެސް ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށް ބުނެ، ދިފާއަށް ކުޅެފައެވެ.

ގެލެކްޓިކްގެ ވާހަކަ މިފަދަ ގޮތަކަށް ހުރިއިރު، ތިމާވެށީގެ ޗެމްޕިއަނުންގެ ގޮތުގައި ދުނިޔެ ސިފަކުރި ބައެއް ޝަހްސުތަކުންވެސް ވަނީ ބްރޭންސަންގެ ޖައްވީ ދަތުރު ފާހަގަ ކޮށްފައެވެ.

ނަމަވެސް، އަދަދުތަކަށް ބަލާއިރު، އެތައް ސަތޭކަ ފަސެންޖަރުންނެއް ގޮވައިގެން ކުރާ ޓްރާންސްއެޓްލާންޓިކް ފްލައިޓް ދަތުރެއްގެ ކާބަން ފުޓް ޕްރިންޓާއި، އެންމެ 6 ފަސެންޖަރުން ގޮވައިގެން ކުޑަ ވަގުތު ކޮޅަކަށް ޖައްވަށް ކުރާ ދަތުރުން އުފެދޭ ކާބަން ފުޓްޕްރިންޓާ އެއްވަރެވެ. އެގޮތުން، ޖައްވީ ފްލައިޓްގައި ކޮންމެ ފަސެންޖަރަކަށް 4.5 ޓަނުގެ ވިހަ ގޭސް ބޭރު ވާ ކަމަށް ފަރަންސޭސި އެސްޓްރޯފިޒިސިސްޓް ރޯލާންޑް ލެހޯކް ވަނީ ވިދާޅުވެފައެވެ.