އަންހެނުންގެ ހިޔާލުތައް ހަގީގަތަކަށް ހަދަން މުވައްސަސާތައް ގުޅިގެން ކުރިއަށްދާން ޖެހޭ ކަމަށް ރައީސުލްޖުމްހޫއްރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިއަދު ހެނދުނު ކުރެއްވި ބައްދަލުކުރުމުގަ އެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އޮފީހުގައެވެ.
ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ މީހުންގެ ކަންބޮޑުވުންތަކާއި ބޭނުންވާ ކަންތައްތައް ފަޒްނާއަށް ހިއްސާކުރައްވާފައެވެ. އެގޮތުން ކުޅުދުއްފުށީގެ އަންހެނުން ތައްޔާރުކުރާ ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ފަސޭހަކަމާއެކު ވިއްކޭނެ ގޮތެއް ހަމަޖައްސައި ދިނުމާއި ކުޅިވަރުގެ ދާއިރާގައި އަންހެނުންނަށް ކުރިއަށް ދެވެން އޮތް ފުރުސަތު ހަނި ކަން ފާހަގަކޮށް އެކަން ފުޅާކޮށްދިނުމަށާއި މަތީ ތައުލީމު ހާސިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކޮށް ދިނުމަށް އެދިފައެވެ.
ފަޒްނާ ވަނީ އަންހެނުންގެ ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިމަގެއް ހޯދޭނެ މަގުތައް ވިދާޅުވެދެއްވާފައެވެ.
ރައީސް ވަނީ ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ އަދި ކުމުންދޫއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އެމަނިކުފާނާއެކު ދަތުރުފުޅުގައި ފަސްޓް ލޭޑީވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ހިތުން މެޑަމް ފާުތުމައަށް ވާން ދޯ؟ އުމުރު ދުވަހު އުޅުނަސް ނުވާނެ، މާދަމާވެސް ވެރިކަން ބަދަލު ވެއްޖެ ނަމަ ތިހެން އުޅެން ކެރޭނެބާ؟ ހުސް ދެއްކުން ތެރިކަން، ،