ހދ. ކުމުންދޫގައި މި ސަރުކާރުން ކުރަން ނިންމާފައިވާ 12 މަޝްރޫއުގެ ތެރެއިން 5 މަޝްރޫއެއް ނިމި 4 މަޝްރޫއެއް މިހާރު ކުރިޔަށް ދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކުމުންދޫގައި މިހާރު ނިމިފައިވާ މަޝްރޫއު ތަކަކީ ޕްރޮވިޝަން އޮފް ވޯޓާ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓްގެ ދަށުން ހިންގި އާރްއޯ ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއާއި، ފުޓްސަލް ދަނޑެއް ގާއިމް ކުރުމާއި، ތަކެއްޗާއެކު އައުޓްޑޯ ޖިމް ގާއިމް ކުރުމުގެ އިތުރުން 400 ކިލޯ ވޯޓްގެ އާ ޖަނަރޭޓަރު ސެޓް ބެހެއްޓުން އަދި 200 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް އެހެން ރަށަކުން ކުމުންދޫ އަށް ޓްރާންސްފާ ކުރުމުގެ މަޝްރޫއެވެ.
އަދި މިވަގުތު ޓެންޑާ ކޮށްފައިވާ 2 މަޝްރޫއެއް ވާއިރު 4 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ފެނާއި ނަރުދަމާގެ މަސައްކަތާއި ސޯލާ ޕީވީ ހަރުކުރުމުގެ މަޝްރޫއާއި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްރުއުގެ އިތުރުން ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ.
ޓެންޑާ ކޮށްފައިވާ މަޝްރޫއުގެ ތެރޭގައި ހިމެނެނީ ވޮލީކޯޓު ތަރައްގީކުރުމާ ޕްރޮވިޝަން އޮފް ވޯޓާ ސަޕްލައި ސެނިޓޭޝަން އެންޑް ވޭސްޓް މެނޭޖްމަންޓްގެ ދަށުން ކުނިކޮށި ގާއިމްކުރުމުގެ މަޝްރޫއު ކަމަށް މައުލޫމާތު ލިބެއެވެ.