މިއަދު 114 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްގެ އަދަދު 2578 އަށް މަތި ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 18 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 82 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 9 މީހެކެވެ. މީގެ އިތުރުން ތަރައްގީ ކުރަމުންދާ ރަށްރަށުން 5 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު މިމަހު ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 1843 އަށް އަރާފައެވެ.

މިއަދު 114 މީހަކު ޕޮޒިޓިވްވެފައިވާ އިރު މިއަދު ބަލިން ރަނގަޅުވެފައި ވަނީ 97 މީހެކެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 2578 އަށް މަތިވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އިއްޔެ އެކްޓިވް ކޭސްގެ އަދަދު އުޅުނީ 2562 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 75763 އެވެ. މީހުންގެ ތެރެއިން 72930 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 496 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 61874 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 168 މީހަކު މަރުވެފައެވެ.

ވޭތުވެ ދިޔަ މަހުގެ ކޮވިޑް ކޭސްތައް މިވަނީ މި އަހަރުގެ މެއި މަހު ރިޕޯޓްކުރި ކޭސްތަކާ އަޅާބަލާ އިރު ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. މެއި މަހު ރިޕޯޓް ކުރި ކޭސްގެ އަދަދު 34،561 އަށް އަރާފައިވާ އިރު އެ މަހު މަރުވި މީހުންގެ އަދަދަކީ 88 އެވެ. އަދި ހުސްވި ޖޫން މަހު ވަނީ 9،402 މީހަކު ޕޮޒިޓިވްވެ 50 މީހަކު މަރުވެފައެވެ.

ކޮވިޑް ކޭސްތައް މަދުވަމުން އައުމާ އެކު މިމަހުން ފެށިގެން ސަރުކާރުން ލުއިތައް ދިނުމާއެކު މިހާރު އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޗުއްޓި ހޭދަ ކުރަން ރަށަށް ދިއުމަށް ދަތުރު ކުރަމުންނެވެ. ސްކޫލްތައް ބަންދުވެފައި ވާ މި ދުވަސް ވަރު ބޮޑު އީދާއި މިނިވަން ދުވަހާ ދިމާވާތީ ރަށްރަށް ދަތުރު ކުރާ މީހުން ގިނަ ވުމުން އެޗްޕީއޭއިން ވަނީ އީދު ފާހަގަ ކުރަން ބާއްވާ ކުޅިވަރުތަކާއި ހަފްލާތަކުގައި އާންމުން އެއްތަނަކަށް ގިނައިން އެއްވެ އުޅުން މަނާ ކޮށްފައެވެ.

ކޮވިޑް ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށް އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.