މޮނިޓަރިން ހާލަތުގައި ރަށް އޮންނަތާ ގިނަ ދުވަސްތަކެއްވެ، އާންމުންނަށް ދަތިވާ ކަމަށް ބުނެ ރ. ދުވާފަރުގައި އާންމުންގެ ބަޔަކު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
މުޒާހަރާ ކުރަން އެ ރަށުގެ ގިނަ ރައްޔިތުންތަކެއް އެއްވީ މިއަދު ހަވީރުގެ ވަގުތުގައި އެ ރަށުގެ ސިއްހީ މަރުކަޒު ކަރިއަށެވެ. އެސަރަހައްދަށް އެއްވި ގިނަ ބަޔަކު ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރަށް މޮނިޓަރިން ހާލަތަށް ބަދަލު ކުރި ފަހުން ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި މޮނިޓަރިން ހާލަތުން ނުނަގާ ލަސްވަމުން ދާތީ އެކަމާ ޝަކުވާ ކުރިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެރަށުގެ މީހާކު ބުނީ، ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެހެން ރަށްރަށް މޮނިޓަރިންގެ ހާލަތުން ނަގަމުން އައި ނަމަވެސް އެ ރަށް މޮނިޓަރިނުން ނުނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިވަގުތު ރަށުގައި ކަރަންޓީން ވުމުގައި ދަތިތައް ހުރިކަމަށް އެފަރާތުން ފާހަގަ ކުރިއެވެ.
މި ޝަކުވާތަކާ ގުޅިގެން ރަށުގެ ހެލްތް ސެންޓަރުން ބުނެފައި ވަނީ، ރަށް މޮނިޓަރިންގެ ހާލަތުން ނުނަގާ އޮތީ ކޮވިޑް ކޭސްތައް އަދި ހުރުމުން ކަމަށެވެ. ކޮވިޑް ކޭސްތައް އޮތްހާ ހިނދަކު ރަށް މޮނިޓަރިނުން ނުނެގޭނެ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.
އާންމުންގެ ޝަކުވާތަކާ ގުޅިގެން މިރޭ ދުވާފަރު ޓާސްކްފޯސްގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވާއިރު އެ ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.
ދުވާފަރު މޮނިޓަރިންއަށް ލާފައި ވަނީ މޭ 25 ވަނަ ދުވަހުއެވެ. މިހާތަނަށް އެ މުއްދަތުގެ ތެރޭގައި އެ ރަށުން ޖުމްލަ 372 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެ ރަށުން ވަނީ 26 މީހަކު އަލަށް ޕޮޒިޓިވް ވެފައެވެ. ރަށުގެ އެކްޓިވް ކޭސްތައް މިވަގުތު ހުރީ 166 ގައެވެ.