ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި އެންމެ މަތީ ހަރުފަތަށް ގެންދަވާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ނަން ރާއްޖޭގައި 27 އަހަރު ފޮރިން މިނިސްޓަރުކަން ކުރެއްވި ފަތުހުﷲ އަށް ނިސްބަތްކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ފަތުހުﷲ ޖަމީލް ވަޒީރުކަމުގައި ވެސް އަމަލުކުރެއްވި ހާރިޖީ ސިޔާސަތު ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިމާރާތް، ޗައިނާގެ ހިލޭ އެހީގައި މަރާމާތު ކުރުމަށް ފަހު އަލުން މިއަދު ހުޅުވީ "ފަތުހުﷲ ޖަމީލް ބިލްޑިންގް" އަށް ނަން ބަދަލުކުރުމަށް ފަހުގައެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ބިކަވެ ބާކީ ވެފައި ވަނިކޮށް މި ސަރުކާރު ވެރިކަމަށް އައިސް ކުރި މަސައްކަތުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަ ވެރިކަން ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.
ފަތުހުﷲގެ އަރިހުގައި ވެސް މަސައްކަތް ކުރެއްވި ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މައިދާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ވަނީ ފެނިވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ރާއްޖޭގެ ހާރިޖިއްޔާގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ވަކިވެވަޑައިގެންފައި ވާ ބޭފުޅުންގެ ހަނދާން އާކުރުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށާއި އެހެންވެ މިނިސްޓްރީގެ އެކި މާލަންތަކަށް އެ ބޭފުޅުންގެ ނަމުން ނަން ދީފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީގެ މާލަމްތަކަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ އަލްއަމީރު ހަސަން ފަރީދު މާލަމާއި އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭފާނު އަދި އަލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު، އަހުމަދު ޒަކީ އާއި ޑރ. އަބްދުއްސަމަދު އަބްދުﷲ އެވެ. މި ބޭފުޅުންނަކީ ކުރިން ރާއްޖޭގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނެވެ.
މީގެ އަށް އަހަރު ކުރިން އަވަހާރަވެފައިވާ ފަތުހުﷲ ޖަމީލްގެ ނަމަށް ހާއްސަވެފައި ވަނީ ފޮރިން މިނިސްޓްރީ ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވެ އެވެ.