ނިމިދިޔަ 2020 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމާ އެކުގައިވެސް، ހިމާލަޔާސް ފަރުބައިގެ ހުޅަނގުން ދެ ގައުމު ހިއްސާ ކުރާ ބޯޑަރުގެ މައްސަލާގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލު ނުހޯދި އޮތުމަކީ ދެ ފަރާތުން ކުރެ ފަރާތަކަށް އެކަމުގައި ފައިދާއެއް އޮތް ކަމެއް ނޫން ކަމަށް، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް ޖައިޝަންކަރު، ޗައިނާގެ ފޮރިން މިނިސްޓަރަށް ދަންނަވައިފިއެވެ.

މިދިޔަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ އަސްކަރީ ކޮމާންޑުން ވަނީ، އެ ސަރަހައްދުގައި ރުކުރުވާލި އަސްކަރީ ފައުޖުތަކުގެ ސަފުތައް ދުރަށް ޖައްސާ، ޓޭންކަރުތަކާ އެނޫންވެސް ހަތިޔާރުތައް ފަހަތަސް ޖައްސާފައެވެ. ކަން މިހެން އޮތް ނަމަވެސް، އެހެން ސަރަހައްދުތަކުގައި އޮތް ނުތަނަވަސްކަން އަދިވެސް، ހައްލެއް ނުލިބި، ދެމި އޮތް ކަމަށް ޖައިޝަންކަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަމަށް ހައްލު ނުހޯދި، މައްސަލަ ދިގުލައިގެން ދާއިރު ދެ ފަރާތުން ކުރެ ފަރާތަކަށް ފައިދާއެއް ނެތް އިރު، ދޭދޭ ގުޅުމަށް، ނޭދެވޭ އަސަރު ފޯރަމުން އަންނަކަން ސާފުކޮށް ފެންނަން އޮތް ކަމަށްވެސް އިންޑިއާގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ފާހަގަ ކޮށްފައި ވެއެވެ.

ޖައިޝަންކަރު ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި، ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންދެވީ، ތަޖިގިކިސްތާނުގައި ކުރިއަށް ގެންދިޔަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.