އަދާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، މެދުއިރުމަތީގެ މަންޒިލްތަކުގައި ރެކޯޑް އަދަދުތަކުން އިތުރު ވެދާނެ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް މެދުއިރުމަތީގެ ގައުމުތަކުގައި އިތުރު ވަމުން އަންނަ އިރު، އެކަށީގެންވާ ގޮތެއްގައި ވެކްސިން ލިބެމުން ނުދިއުމުގެ ސަބަބުން، ބައެއް މަންޒިލްތަކުގައި ނުރައްކާ ދަރަޖައަކަށް ކޮވިޑް ކޭހުގެ ސާޖެއް އައިސްދާނެ ކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރު ކުރެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކާއި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ދަށް ކޮށް އުޅޭތާ 8 ވަރަކަށް ހަފުތާއަށް ފަހު، ލީބިއާ، އީރާން، އިރާގު އަދި ތޫނިސްގައި ހަލުވި ކަމާއެކު ކޭސްތައް އިތުރު ވަމުން އަންނަ އިރު، ލުބްނާން އަދި މޮރޮކޯގައިވެސް ކުއްލިއަކަށް ކޭސްތައް އިތުރު ވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ.

ކުރިއަށް އޮތީ އީދު ބަންދު ކަމުން، ޒަމާނުއްސުރެ އީދު ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ސަބަބުން އިޖުތިމާއީ އެއްވުންތައް އިތުރުވެ، ބަލި ފެތުރޭ މިންވަރުވެސް އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ. ޑަބްލިއުއެޗްއޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކުރިއަށް އޮތް ހަފުތާތަކުގައި ކޮވިޑް ސާޖުގެ ޕީކަށް ދިއުން އެކަށީގެން ވާ ކަމަށެވެ.