މިހާރު ނަގަމުންދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައި ވަނީ، މިހާރު އާންމު ފަރާތްތަކުން ރަށްރަށަށް ދިއުމަށްޓަކައި ގިނަ އަދަދަކަށް ސާމްޕަލް ނަގަމުން ދާތީ ޓެސްޓް ކުރަން ޖެހޭ ސާމްޕަލްތައް ވަރަށް ބޮޑުތަނުން އިތުރުވެފައި ވާތީއެވެ. އެހެންކަމުން ޓެސްޓް ނަތީޖާލި ބުން ލަސްވުން އެކަށީގެންވާ ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފަރާތްތަކުން ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭގޮތް އެޗްޕއޭއިން ހަމަޖައްސާފައި ވަނީ މިދިޔަ ހަފްތާއެވެ. މިގޮތަށް އެޗްޕީއޭއިން ހަމަޖެއްސުމާ ގުޅިގެން ގިނަ އަދަދަކަށް މީހުން އަންނަނީ ބަންދާ ދިމާކޮށް ރަށްރަށަށް ދަތުރު ކުރަމުންނެވެ. މިގޮތަށް ދަތުރުކުރާ ފަރާތްތަކަކީ ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ދަތުރުކުރާ ފަރާތްތަކަކަށް ވާތީ އެ ފަރާތްތަކުގެ ޓެސްޓް ނަތީޖާ ލިބުން ލަސްވާކަމުގެ ޝަކުވާ އަންނަނީ ފެންމަތިވަމުންނެވެ.
އެޗްޕީއޭއިން ބުނީ މިހާލަތުގައި އެންމެ އިސްކަމެއް ދީގެން ޓެސްޓް ކުރާނީ ކޮވިޑްގެ އަލާމާތެއް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓަރުންގެ ސާމްޕަލްތައް ކަމަށެވެ. އެހެންކަމުން ދެން އެ ނޫން ހާލަތެއްގައި ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްތައް ޓެސްޓު ކުރާނީ މި ދެންނެވުނު 2 ކެޓޮގޮރީގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް ފަހުއެވެ.
ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތައް ދީފައި ވާއިރު ބަލި ފެތުރިދާނެ ކަމަށް ސަމާލުވެ މާސްކުއަޅާ ގައިދުރުކޮށް ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ދަތުރު ކުރެވޭނީ ކޮވިޑް ވެކްސިންގެ 2 ޑޯޒް ހަމަކުރުމަށް ފަހު 14 ދުވަސްވެފައިވާ ފަރާތްތަކަށެވެ. އަދދި މިގޮތައް ދަތުރު ކުރެވޭނީ މޮނިޓަރިންގެ ހާލަތުގައި ނުވާ ރަށްތަކަށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
2 ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ލުއި ދީފައިވާއިރު ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަކުދިންނަށްވެސް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ގޮތައް ވަނީ ހަމަޖައްސާފައެވެ. އަދިހަމައެހެންމެ މިގޮތަށް ހަމަޖެއްސި އިރު ރަށްރަށަށް ގޮސް ކަރަންޓީނުގައި ހުރި ފަރާތްތައްވެސް ނެގެޓިވް ޕީސީއާރު ޓެސްޓާއެކު ވަނީ ދޫކޮށްލަން ފަށާފައެވެ.
ކޮވިޑް ގެ ހާލަތުން ލުއިތައް ދޭން ސަރުކާރުން މި ނިންމީ ކޭސްތައް ވަރަށް ބޮޑުތަނުން ދަށަށް ދިއުމުންނެވެ. މިދިޔަ ޖޫން މަހުގެ ފަހު ކޮޅުން ފެށިގެން ސަރުކާރުން އަންނަނީ ބައެއް ލުއިތައް ދެމުންނެވެ. ސުކޫލު ބޮޑު ބަންދާއި އަދި އަޟްހާ އީދާ ދިމާކޮށް ލުއިތައް ދީފައިވާއިރު އީދުގައި ގިނަ މީހުން އެއްވެގެން ހަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ކޮވިޑް ފެތުރުމުގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކާ އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މިފަހަރު ވެސް މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. ނަމަވެސް އަތޮޅު ތެރޭގައި ކޮވިޑް ނެތް ރަށްރަށުގެ ކައުންސިލުން ހުއްދަ އަަށް އެދުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހުއްދަ ދޭނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.
ކޮވިޑް ފެތުރުން ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު އިއްޔެ މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 170 މީހެކެވެ. މާލެ ސަރަހައްދުން 19 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 78 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 7 މީހެކެވެ. މީގެ އިތުރުން ލިވަބޯޑުން އެކަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 60 މީހެއްގެ އިތުރުން އިންޑަސްޓްރިއަލް ރަށްރަށުން 5 މީހަކު ވެސް އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.