ވައިރަހުގެ އަސްލު ކަނޑައެޅިގެން ދެނެގަނެވިފައި ނުވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދުނިޔެ ނުކުޅެދިފައި ވާ މި ދަނޑިވަޅުގައިވެސް، ވަލު ޖަނަވާރު ކެއުމަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގައި ފެތުރިފައިވާ ސަގާފަތަށް ބަދަލެއް ނާދެއެވެ.

މި ދަނޑިވަޅަކީވެސް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް، ކޮވިޑްގެ އާ ރާޅެއް ބިންދާލާފައި ވާ ދަނޑިވަޅެކެވެ. ނަމަވެސް، ވަލުޖަނަވާރު ކެއުމަށް ކަށީގައި ހިފާފައި ވާ އާދަ ކަނޑުވާލުމަށް، އެ ސަރަހައްދުގެ ގައުމުތަކަށް އަދިވެސް ވަނީ ކާމިޔާބެއް ނުހޯދިފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި، އަލަށް އުފެދޭ، އިންފެކްޝަސް ޑިޒީޒަސް ނުވަތަ ގައިންގަޔަށް އަރާ ބަލިތަކުގެ ގާތްގަނޑަކަށް 4 ބައިކުޅަ 3 މައި ބަލިތައް، އިންސާނުންނާ ހިސާބަށް ފޯރަނީ ޖަނަވާރުންގެ ކިބައިންނެވެ. ނުވަތަ އެފަދަ ވައިރަސްތަ އުފެދެނީ ޖަނަވާރުތަކުގެ ހަށިގަނޑުގައެވެ.

ކޮވިޑް-19 ތަހުގީގު ކުރުމަށް ހަރަކާތްތެރިވާ ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ޗައިނާގެ ވޫހާން ސިޓީގެ ބާޒާރުތަކަށް ޒިޔާރަތް ކޮށް މައުލުމާތު އެއްކޮށްފަ / ފޮޓޯ: އޭބީސީ 30

2002 ވަނަ އަހަރާއި 2004 ވަނަ އަހަރާ ދެމެދު ފެތުރިގެން ދިޔަ ސާސް ވައިރަހުގެ ރޯގާގައި 800 އެއްހާ މީހުން މި ދުނިޔެ ދޫކުރިއެވެ. މި ބަލިވެސް ފެށުނީ ވާލުގެ އާބާދީގައި ކަމަށް ބެލެވެއެވެ. ޗައިނާގެ ފޮޝާންގެ ވަލިޖަނަވާރު ބާޒާރެއްގައި ވިއްކި ސިވެޓްކެޓްތަކަށް މި ވައިރަސް ފެތުރުނީ، ވާލުގެ ޒަރިއްޔާއިން ކަމަށް ބެލެވެއެވެ.

ޗައިނާގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ފަހު، އޭޕްރިލް މަހު އިއުލާން ކުރި ގޮތުގައި، އިންސާނުންގެ ހަށިގަނޑަށް ކޮވިޑް ޖައްސާ ވައިރަސް ފޯރި އެންމެ ގާތް މަންޒިލަކީ، ވޫހާންގެ ސީފުޑް ބާޒާރެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ވަލުޖަނަވާރުގެ ވިޔަފާރި ކުރުން ހުއްޓާލުމުގެ އަމުރެއްވެސް ނެރެފައެވެ. ޖަނަވާރުގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންވެސް މިކަމަށް ވަކާލާތު ކުރާތާ ކިތަންމެ ދުވަހެކެވެ. ވަލުޖަނަވާރުގެ ވިޔަފާރި ކުރާ ބާޒާރުތަކަކީ ސިއްހީ ގޮތުން ބަލާއިރުވެސް ދަށު ދަރަޖައިގެ ތަންތަން ކަމުގައި ދަންނަވަންޖެހެއެވެ.

ނަމަވެސް ވަލުޖަނަވާރުގެ މަހަކީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތް ވާ ބައެއް މީހުން، އެ އެއްޗަކަށް ދެވި ހިފާފައިވާ ބާވަތެކެވެ. ވަލުޖަނަވާރުގެ މަސްވިއްކުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރާ އެއްވެސް ފިޔަވަޅެއް ކަމިޔާބު ވާތަން އަދި ނުފެނެއެވެ.

ވިއެޓްނާމް ފަދަ ގައުމުތަކުން ވަނީ ޣައިރު ގާނޫނީ ވިޔަފާރި ކުރާ ފަރާތްތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވަންވެސް ނިންމާފައެވެ. ނަމަވެސް، އަދިވެސް މި ވިޔަފާރި ދަނީ ކުރިއަށެވެ. ޗައިނާގެ ހާލަކީވެސް މިއީއެވެ. މިހާރު ވަލުޖަނަވާރުގެ މަސް ވިއްކަނީ، ވަގު، ކަޅު ބާޒާރުތަކުގައެވެ.