ދަރިންނަށްޓަކާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ތިބި ބަޔަކީ މައިންބަފައިންކަން، ދުނިޔަވީ އެކި ހާދިސާތަކުން ތާއަބަދުމެ ދަނީ ސާބިތުވަމުންނެވެ. ދަރިންޓަކާ މައިންބަފައިންގެ ހިތުގައި ވާ ބަދަލެއް ނުވާ ލޯތްބާ، އެ ދަރިންނާ މެދު ކުރަމުންދާ ފޮނި އުއްމީދުތަކަށް ނިމުން ނެތްކަންވެސް އަންގައިދެމުންނެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

ގޫއޯ ގެންގްޓާންގްއަށް އޭނާގެ ދަރިފުޅު ގެއްލުނީ މީގެ 24 އަހަރު ކުރިންނެވެ. ޗައިނާގެ ޝޭންގްޑޮންގް ޕްރޮވިންސްގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް، ގޫއޯގެ ދަރިފުޅު ވީ، އެ ދެބަފައިން ދިރިއުޅެމުން ދިޔަ ގޭގެ ކުރިމަތިންނެވެ.

ގޫއޯގެ ދަރިފުޅުގެ "ވަކިވެދިއުން" އަސްލަކަށް ބަލާ، 2015 ވަނަ އަހަރު ވަނީ ފިލްމެއްވެސް އުފައްދާފައެވެ.

ގޫއޯ ގެންގްޓާންގް، މީގެ 24 އަހަރު ކުރިން ގެއްލުނު ދަރިފުޅު ހޯދަން ދުއްވީ ސައިކަލުގަ / ފޮޓޯ: ޓްވިޓާ

ކުޑަކުދިން ވަގަށް ނެގުމަކީ ޗައިނާގައި ބޮޑުވެފައި ވާ މައްސަލައެކެވެ. އަހަރަކު އެތައް ހާސް ކުދިންނެއް މިގޮތަށް ވަގަށް ގެންދެއެވެ. މި ގޮތަށް ގެންދާ ކުދިންނަށް ތާއަބަދަށް އަލްވަދާއު ކިއުމަށް މައިންބަފައިންނަށް މަޖުބޫރުވެއެވެ. ނަމަވެސް، ކޮންމެވެސް ދުވަހަކުން އެ ދަރިފުޅާ ބައްދަލުވާނެ ކަމުގެ އުއްމީދު، މައިންބަފައިންގެ ހިތުގެ ފުން ކަނެއްގައި ބިންވަޅު ނެގިނެގި ހުރެއެވެ.

ގޫއޯއާ، އޭނާގެ ގެއްލިފައިވާ ދަރިފުޅު އަލުން ބައްދަލުވެއްޖެއެވެ. 24 އަހަރު ފަހުންނެވެ. ސައިކަލެއްގައި ކުރި 500000 ކިލޯމީޓަރުގެ ދިގު ދަތުރަކަށް ފަހުގައެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއިން ބުނީ، ގޫއޯގެ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުކޮށްފައި ވާ ކަމަށެވެ. އަދި އޭނާ ވަގަށް ނެގި 2 މީހުންވެސް ހޯދާ، އެ ދެމީހުން ހައްޔަރު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ގޫއޯގެ ދަރިފުޅު ވަގަށް ގެންދިޔަ 2 މީހުންނަކީ އެ ޖަރީމާ ހިންގިއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު 2 މީހުންނެވެ. ކުޑަކުއްޖަކު ވަގަށް ނަގަން އެ 2 މީހުން ރޭވީ، އެ ކުއްޖާ ވިއްކާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ކަމަށް ބުނެވެއެވެ.

ގޫއޯގެ ދަރިފުޅު، ގޭ ދޮރުމަތީގައި ކުޅެން ހުރި މަންޒަރު ފެނި، އަންހެން މީހާ ވަނީ އެ ކުއްޖާ ޖަހަގަނެގެން ބަސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި ލޯބިވެރިޔާއާއެކު ހިނާން ޕްރޮވިންސަށް ދަތުރުކޮށް، އެތަނަށް އެ ކުއްޖާ ވިއްކާލީއެވެ.

ގޫއޯ ގެންގްޓާންގް (މ)، މީގެ 24 އަަހަރު ކުރިން ގެއްލުނު ދަރިފުޅާ ބައްދަލު ކުރަނީ / ފޮޓޯ: ނިއުސް ނިކްސަން

ގޫއޯގެ ދަރިފުޅު ފެނުނުއިރުވެސް އެކުއްޖާ ދިރިއުޅެމުން ދިޔައީ އެ ޕްރޮވިންސްގައެވެ.

1997 ވަނަ އަހަރު ދަރިފުޅު ގެއްލުނު ފަހުން ގޫއޯ ވަނީ ޗައިނާގެ 20 ޕްރޮވިންސަކަށް ދަތުރު ކޮށްފައެވެ. ލިބޭ އެކި ޓިޕްތައް ފަހާ ދުއްވަނީ، ސައިކަލެއްގައި އިނދެގެންނެވެ. ދަރިފުޅުގެ ފޮޓޯ ޖެހި ބޯޑުތައް ހިފައިގެން ކުރި މި ދަތުރުތަކަށް، އޭނާގެ ހުރިހާ އާމްދަނީއެއް ހުސްކުރިއެވެ. މަގުމަތީގެ އެކި އެކްސިޑެންޓްތަކުގައި، ހަށިގަނޑުގެ އެކި ކަށިތައް ބިނދުނު ފަހަރުވެސް އައެވެ. 10 ސައިކަލު ހަލާކުވިއެވެ. މަގުފޭރޭ މީހުންގެ ޝިކާރައަކަށްވެސް ވިއެވެ.