ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ޖިމްތަކުގައި، އަވަސް ލަވަޖަހާ، ހަލުވި ހަރަކާތްތަކެއްކޮށްގެން ދާހިއްލާ ފަދަ ގޮތަކަށް ކަސްރަތު ކުރުން މަނާ ކޮށްފިއެވެ.

ޖިމްތަކުގައި ދާހިއްލާ ގޮތަކަށް ކަސްރަތުކުރުން މަނާ ކޮށްފައި ވަނީ، ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖިމްތަކުގައި ދާހިއްލުން ކޮންޓްރޯލް ކޮށްގެން ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ، ހާއްސަ ގަވައިދުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މިނެޓަކު 120 ބީޓަށްވުރެ ޓެމްޕޯ އަވަސް ލަވަތައް ޖެހެން މަނާ ކޮށްފައި ވާއިރު، ޓްރެޑްމިލްތަކުގައި ބޭނުން ކުރެވޭނެ އެންމެ ހަލުވި ދުވެއްޔަކީ ގަޑިއަކު 6 ކިލޯމީޓަރުގެ ރޭޓް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިއީ ޖިމް ބޭނުން ކުރާ ފަރާތްތަކުން މާ އަވަސް އަވަހަށް ނޭވާލާންޖެހޭ ޖެހުން ކުޑަ ކުރުމުގެ އިތުރުން، އެކެއްގެ ހަށިގަނޑުން އަނެކާގެ ހަށިގަނޑަށް ދާތިކިތައް ފޯރުންވެސް ހުއްޓުވޭނެ ކަމެއް ކަމަށެވެ.

މި ބަދަލާއެކު، ޖިމް ހިންގާ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން، ބައެއް ކަސްޓަމަރުންނަކީ އަމިއްލަ ހެޑްފޯންތައް ބޭނުން ކުރާ ބައެއް ކަމުން، މިއުޒިކްގެ ޓެމްޕޯ ކޮންޓްރޯލް ކުރާނީ ކިހިނެއްތޯ އެފަރާތްތަކުން ދަނީ ސުވާލު ކުރަމުންނެވެ.

މި ދަނޑިވަޅަކީ ދެކުނު ކޮރެއާއިންވެސް ގިނަ އަދަދަކަށް ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ.