އިދިކޮޅު ޕީޕީއެމްގައި ރައީސް މުހައްމަދު ނަޝީދަށް ޖާގައެއް ނެތް ކަމަށާއި، ރައީސް އަބްދުﷲ ޔާމީނުވެސް އަދި އިދިކޮޅު ޕާޓީވެސް ނަޝީދާ އެކު މަސައްކަތް ނުކުުރާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމްް މުހައްމަދު ސޯލިހާ ފެޔަށް ޖެހިވަޑައިގެން ރައީސް ޔާމީނާއި ޕީޕީއެމް ގެ އެހީއަށް އެދިވަޑައިގަންނަވަން ނިންމާފާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންވެސް އަދި އިދިކޮޅުވެސް އޮތީ ނަޝީދާ އެކު ކުރިއަށް ދާ ގޮތަށް ނޫން ކަމަށެވެ.
މިއަދު ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވެފައި ވަނީ، މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށާއި އެމްޑީޕީގެ ބައެއް މެންބަރުން ހިތަހަމަ ނުޖެހުނަސް އެކަމުގައި އެމަނުކުފާނު ކުރައްވާނެ ކަމެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމް، މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެ މީހުންގެ އެހީއަށް އެދިވަޑައިގަންނަވާނޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާ މައްސަލައެއް ޖެހި ވަޑައިގަނެފައި ނުވި ނަމަވެސް މިހާރު ފިކުރީގޮތުން ހިޔާލު ވަރަށް ތަފާތު ކަމަށެވެ. އަދި ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ ރައީސް ސޯލިހާ އެކީގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނަޝީދު ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވީ އިރު ޖުލައި 05، 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައިވެސް ނަޝީދު ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.