ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކުރި ސީނޯވެކް ކޮވިޑް ވެކްސިނާއި، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިން އެއްކޮށްގެން ދިނުމަށް، ތައިލޭންޑްގެ ވެކްސިން ސިޔާސަތަށް ބަދަލު ގެނެސްފިއެވެ.

އެއްކޮށްގެން ދިނުމޭ ބުނާ ބަހުގެ މުރާދަކީ، އެކަކަށް 2 ބްރޭންޑެއްގެ ވެކްސިން ޖަހައިގެން 2 ޑޯޒް ފުރިހަމަ ކުރުމެވެ.

ތައިލޭންޑްއިން މިފަދަ ނިންމުމެއް ނިންމީ، ކޮވިޑާ ދެކޮޅަށް ދިފާއު ވަރުގަދަ ކުރުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

2 ބްރޭންޑްގެ ވެކްސިން ޖެހުމަށް ނިންމީ، ސީނޯވެކް ކޮވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ އެތައް ސަތޭކަ ސިއްހީ ހިދުމަތްތެރިންނެއް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ހަބަރު ލިބެއެވެ.

ތައިލޭންޑްގެ ކޮވިޑް ވެކްސިން ސިޔާސަތަށް ގެނައި ބަދަލާއެކު، ސީނޯވެކްގެ 2 ޑޯޒް ޖެހުމުގެ ބަދަލުގައި، ކޮންމެ މީހަކަށްވެސް ދެން ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާނީ އަސްޓްރާޒެނީކާ ވެކްސިނެވެ.

ސީނޯވެކްގެ 2 ޑޯޒްއެކު ވެކްސިން ފުރިހަމަ ކޮށްފައި ވާ ސިއްހީ ހިދުމަތްތެރިންނަށް 3 ވަނަ ޑޯޒްއެއް ނުވަތަ ބޫސްޓާ ޑޯޒްއެއް ޖަހާނެއެވެ. އެއީ އަސްޓްރާޒެނީކާ ނުވަތަ ފައިޒާ/ބައޮއެންޓެކް ފަދަ އެމްއާރްއެންއޭ ވެކްސިނަކަށް ވާންޖެހެއެވެ. މި 2 ބާވަތުން، ތައިލޭންޑްގައި މިވަގުތު ލިބެން ހުރީ އަސްޓްރާޒެނީކާ އެކަންޏެވެ. ނަމަވެސް އެމެރިކާއިން ހަދިޔާ ކުރާ ފައިޒާ ވެކްސިން ޝިޕްމަންޓެއް، ވަރަށް އަވަހަށް ތައިލޭންޑަށް ފޯރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޗިލީގެ ވެކްސިން ކެމްޕޭނާ ހަވާލާދީ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި އާންމު ކޮށްފައި ވާ ދިރާސާއަކުން ދައްކާ ގޮތުގައި، ސީނޯވެކްއަކީ ކޮވިޑްއާ ދެކޮޅާ 65.9 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.

ތައިލޭންޑްގެ އަދުގެ ހާލަތަށް ބަލާއިރު، މިއީ ކޮވިޑްގެ އާ ރާޅަކާ އެ ގައުމަށް ކުރިމަތިލާން ޖެހިފައި ވާ ދަނޑިވަޅެކެވެ. އާދީއްތަ ދުވަހުވެސް 9418 ޕޮޒިޓިވް ކޭހައި 91 މަރުގެ ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.