ވަކި ކޮޅެއްގައި ނުޖެހި، ސިލްސިލާ ހަނގުރާމަ ދިގުލާ ގޮސްފައި ވާ ސޫރިޔާގެ ބާޒާރުގައި، ޒަރޫރީ ބައެއް މުދާ ވިއްކާ އަގުތައް، އެ ގައުމުގެ ހުދުމުހުތާރު ސަރުކާރުން ބޮޑު ކޮށްފިއެވެ.

ސޫރިޔާގެ ސަރުކާރުން ވަނީ، ކުރިމަތިލާން ޖެހިފައިވާ މާލީ ގޮންޖެހުންތަކާއެކު، ޕާނާއި ހަކަތައިގެ އުފެއްދުންތަކުގެ އަގު ބޮޑުކޮށް، އެ ކަން އިއުލާން ކޮށްފައެވެ. މިއާއެކު ސޫރިޔާގެ އާންމު ރައްޔިތުންނަށް މިވަނީ އަނެއްކާވެސް އިތުރު ތަކުލީފެއް އުފުލަން ޖެހިފައެވެ.

ޕާނުގެ އަގުތައް ދެގުނަ ބޮޑު ކޮށްފައި ވާއިރު، ޑީސަލްގެ އަގުތައް 3 ގުނަ ބޮޑު ކަމަށް މައުލޫމާތު ލިބެއެވެ. މި އަގުތައް މި ގޮތަށް ހުންނަނީ ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ސަރުކާރުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ސޫރިޔާގެ ސަރުކާރުން ވަނީ ޕެޓްރޯލް ވިއްކާ އަގުންވެސް 25 ޕަސެންޓް ބޮޑު ކޮށްފައެވެ.

ސޫރިޔާ މީހަކު ޕާންތަކެއް ހިފައިގެން ދަނީ / ފޮޓޯ: އަލްބަވާވާ

ފާއިތުވީ އަހަރުތަކުގައި، އަސަދުގެ ސަރުކާރުން ވަނީ ސިލްސިލާ ގޮތުގައި ހަކަތައިގެ އަގުތައް އުފުލާފައެވެ. އަސަދުގެ ސަރުކާރުން މިކަން މިހެން ކުރަނީ މާލީ ހީނަރުކަން ފޫބެއްދުމުގެ ނަމުގައި ކަމަށް ވީ ނަމަވެސް، ހަގީގީ އަގު އަދާ ކުރަން ޖެހި، ބިކަ ވެ ދަނީ ސޫރިޔާގެ އާންމު ރައްޔިތުންނެވެ.

ސޫރިޔާގެ ބާޒާރުތަކުގައި ޒަރޫރީ އުފެއްދުންތައް ވިއްކާ އަގު ބޮޑުކޮށް، ސަރުކާރުން އެކަން އިއުލާން ކޮށްފައި މިވަނީ، ސަރުކާރު މުވައްޒަފުންގެ މުސާރަ، 50 ޕަސެންޓް ބޮޑު ކުރި ދަނޑިވަޅާ ދިމާކޮށެވެ. ސޫރިޔާގައި ދެވޭނެ އެންމެ ދަށް މުސާރައަކީ މިހާރު 71515 ސީރިއަން ޕައުންޓް ނުވަތަ ގާތްގަނޑަކަށް 28 އެމެރިކާ ޑޮލަރެވެ. މީގެ ކުރިން މިއަދަދު އޮތީ، ގާތްގަނޑަކަށް 18 ވަރަކަށް ޑޮލަރުގައެވެ.