ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޭ އެންމެ ގިނަ ބަޔަކު ބެލި އެއް އިވެންޓަކީ، މަޝްހޫރު މަހުޖަނު، ރިޗާޑް ބްރޭންސަން، އޭނާގެ އަމިއްލަ ޖައްވީ އުޅަނދެއްގައި ފަޒާގެ ތެރެއަށް ކުރި، ކާމިޔާބު ދަތުރުގެ އިވެންޓެވެ.

ފަހުގެ ތާރީހުގައި ދުނިޔެ ދުށް މަގުބޫލު މަހުޖަނުންގެ ތެރޭގައި އޮތް، ފުރަތަމަ ޖައްވީ ފަތުރުވެރިޔާގެ ޝަރަފު، އޭނާގެ ވާޖިން ގެލެކްޓިކް ޔުނިޓީ ރޮކެޓްގައި ކާމިޔާބު ކުރިއިރު، ފަތުރުވެރި އުސޫލުން ޖައްވަށް ދަތުރުކުރި ފުރަތަމަ މަހުޖަނަކީ ބްރޭންސަން ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ކުޑައިރުގެ ފޮނި ހުވަފެންތަކެއްގައި ބްރޭންސަން ރޭގެ ވަގުތެއްގައި ހަގީގީ ކުލަ ޖެއްސި ނަމަވެސް، ބްރޭންސަންއަކީ މި އުސޫލުން ޖައްވަށް ދަތުރުކުރި ފުރަތަމަ މަހުޖަނު ނޫން ކަން ފާހަގަ ކުރަން ޖެހެއެވެ.

ފަތުރުވެރި އުސޫލުން ޖައްވަށް ދަތުރުކުރި ފުރަތަމަ މަހުޖަނުގެ ރެކޯޑް އޮންނަނީ އެމެރިކާގެ މަލްޓިމިލިއަނަރެއް ކަމަށް ވާ ޑެނީސް ޓިޓޯގެ އަތުގައެވެ. އޭނާ މި ޝަރަފު ކަށަވަރު ކުރީ 2001 ވަނަ އަހަރުއެވެ. އެއީ ފަތުރުވެރި އުސޫލުން ޖައްވީ ދަތުރު ކުރާނެ ކަން ބްރޭންސަން އިއުލާން ކުރުމުގެވެސް 3 އަހަރު ކުރިއެވެ.

ފަތުރުވެރިއެއްގެ ހައިސިއްޔަތުން، ރަޝިޔާގެ ސޫޔޯޒް ރޮކެޓްގައި ޓިޓޯ ދަތުރު ކުރީ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށެވެ. މި ދަތުރަށް، އޭނާ ވަނީ 20 މިލިއަން ޑޮލަރު ހަރަދު ކޮށްފައެވެ.

އެމެރިކާގެ މަލްޓިމިލިއަނަރު ޑެނީސް ޓިޓޯ ޖައްވަށް ދަތުރުކުރީ ރަޝިއާގެ އުޅަނދެއްގައި 2001 ވަނަ އަހަރު / ފޮޓޯ: ޓައިމް

އެހެން ކަމުން، ފަތުރުވެރި ޖައްވީ ދަތުރުގެ ބާނީއަކީ ބްރޭންސަން ކަމަށް ބުނަމަކީ ސައްހަ ބުނުމެއް ކަމުގައި ނުދެންނެވޭނެއެވެ. ބްރޭންސަންގެ އިތުރުން ޖައްވީ ފަތުރުވެރިކަމުގެ މެޑަލަށް މަސައްކަތް ކުރަމުން އަންނަ އިތުރު މަހުޖަނުންގެ ތެރޭގައި އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސްއާއި ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ، އީލޯން މަސްކު ހިމެނެއެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދިޔަ ޖައްވީ ދަތުރަކީ، ބްރޭންސަން ސިފަކުރާ ގޮތުގައި ފަތުރުވެރި ޖައްވީ ދަތުރުތަކުގެ ޓެސްޓު ފްލައިޓެކެވެ. ބްރޭންސަން ދަނީ ފަތުރުވެރި އުސޫލުން ޖައްވީ ދަތުރުތަކަށް ޓިކެޓް ވިއްކުމުގެ މަސައްކަތް، 2022 ވަނަ އަހަރު ފެށުމަށް ތައްޔާރު ވަމުންނެވެ.