ފަހުގެ ތާރީހެއްގައި ދުނިޔެ ދުށް އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިންނަކީ އާޖެންޓީނާގެ ލައިނަލް މެސީއާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
މިހުނަރުވެރި ދެކުޅުންތެރިންގެ ތެރެއިން މޮޅީ ކާކުތޯ އަހާ ކުރާ ޒުވާބަކީ ފުޓްބޯޅައަށް ލޯބި ކުރާ ހުރިހާ މީހުން ވެސް ކުރާ ހިތްވާ ޒުވާބެކެވެ.
ކްލަބް ލެވެލްގައި މި ދެކުޅުންތެރިން ނުހޯދާ ތައްޓެއް މަދު އިރު ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތްތަކުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ކުޅުންތެރިންނަށް ވެސް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
މިކަން ބަދަލުވެގެން ދިޔައީ 2016 ވަނަ އަހަރެވެ. އެއަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްއަށް ޕޯޗުގަލް ދަތުރުކުރުމުގައި ރޮނާލްޑޯގެ މުހިންމު ރޯލެއް އޮތް އިރު ފްރާންސްއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ 25 ވަނަ މިނެޓްގައި ލިބުނު އަނިޔާއަކާ އެކު ރޮނާލްޑޯ ދަނޑުން ފައިބަން ޖެހުނު ނަމަވެސް އެމެޗުން 1-0 އަކުން ޕޯޗުގަލް މޮޅުވުމުގައި ރޮނާލްޑޯގެ ދައުރު ބޮޑެވެ.
އަދި ޕޯޗުގަލްގެ ކެޕްޓަންގެ ގޮތުން 2016 ވަނަ އަހަރުގެ ޔޫރޯ ތަށި އުފުލާލާ ރޮނާލްޑޯ އޭނާގެ ޒަމާންވީ ވާދަވެރިވެރިޔާ މެސީއަށް ވުރެ ކުރިއަށް ޖެހިލިއެވެ.
ފުޓްބޯޅަ ހަޔާތުގައި ހަމައެކަނި ސްޕެއިންގެ ބާސޮލާނާއަށް ކުޅެފައިވާ މެސީއަށް ކްލަބްގައި ދައްކާ ހުނަރުވެރި ކުޅުން އާޖެންޓީނާގެ ޖާޒީގައި ނުދެއްކޭ ކަމީ ހުރިހާ އެންމެން ވެސް ފާޙަގަކުރާ ކަމެކެވެ.
2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރި އިރު މެސީއާ އޭނާގެ ޓީމު އެފައިނަލްގައި ބަލިވީ ޖާމަނީ އަތުން 1-0 އަކުންނެވެ.
އަދި ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުން ސަރަހައްދީ ލެވެލްގައި ކުޅޭ ކޮޕާ އެމެރިކާގެ 2016 ވަނަ އަހަރުގެ މުބާރާތަށް އާޖެންޓީނާ ދިޔަ ނަމަވެސް އެފަހަރުގެ ފައިނަލް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ޗިލީއެވެ. އަނެއްކާ ވެސް މެސީއަށް ނާކާމިޔާބީއެކެވެ. އަދި މި ނާކާމިޔާބީއާއެކު ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަން ވެސް މެސީ އިއުލާނުކުރިއެވެ.
މެސީގެ ނިންމުން ބަދަލުކޮށް ބައިނަލްއަޤްވާމީ ޖާޒީގައި ގައުމީ ކެޕްޓަންގެ ބޭންޑް އަޅައިގެން މެސީ ވޭތުވެދިޔަ އަހަރުތަކުގައި އަލުން އާޖެންޓީނާއަށް ކުޅެފައިވާ އިރު ރޭ ނިމިގެން ދިޔަ ކޮޕާ އެމެރިކާ 2020 ފުޓްބޯޅަ މުބާރާތް އާޖެންޓީނާ ކާމިޔާބުކޮށް މެސީއަށް މިވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ލިބުނު ފުރަތަމަ ތަށި އުފާލާލަން ލިބިފައެވެ.
އެއީ ފައިނަލްގައި ޒަމާންވީ ހަތުރު ބްރެޒިލް 1-0 އަކުން ބަލިކޮށްގެންނެވެ. އަދި އެއީ ބްރެޒިލްގެ މަރަކާނާ ދަނޑުގައި ވެސް މެއެވެ.
މެސީއަށް ބައިނަލްއަޤްވާމީ ތައްޓެއް އުފުލާލުމުގެ ޝަރަފު މިލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފުރަތަމަ ބައިނަލްއަޤްވާމީ ތަށި އުފުލާލިތާ ބާރާބަރު ފަސް އަހަރު ފަހުންނެވެ.