"ފަހުގެ އާދޭސް" ގެ ނަމުގައި ހިޔާ ޔޫނިއަން އިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ހިމޭން އިހުތިޖާޖުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެޔޫނިއަންއިން ބުނެފިއެވެ.
ހިޔާ ޔޫނިއަން އިން ބުނީ 30 ގަޑިއިރާއި 23 މިނެޓަށް ކުރިއަށް ގެންދިޔަ މި އިހުތިޖާޖު ފެއްޓީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހު 14:00 ގައި ކަމަށާއި މި އިހުތިޖާޖު ނިންމާލައިފާ ވަނީ ރޭ 20:23 އަށް ކަމަށެވެ.
ހިޔާ ޔޫނިއަން އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި އިހުތިޖާޖުގެ މަގުސަދަކީ ހިޔާފުލެޓު ލިބުނު މީހުންނާއި އެމީސް މީހުންގެ އާއިލާ ތަކުގެ ކަންބޮޑުވުންތައް ކަމާގުޅުން ހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް އެ ޔޫނިއަނުން ބުނެއެވެ.
މި އިހުތިޖާޖުގައި ބައިވެރިވާ މީހުން ބޭނުންކުރި ހޭޝްޓެގްތަކަކީ #އަޑުއަހާށޭ އަޑުއިވޭހޭ ރައްޔިތުން އަޑު އަދި #ނިކަމެތި ރައްޔިތުން ނިކަމެތި ވާނީ ރައްޔިތުން، މިދެ ހޭޝްޓެގެވެ.
ހިޔާ ޔޫނިއަން އިން ގޮވާލާފައި ވަނީ ހިޔާ ފްލެޓްގެ އަސާސީ ކުލި 5،600 އަށް ކުޑަ ކުރާށެވެ.
ހިޔާ ޔޫނިއަން އިން ވަނީ ޖޫން އެއްވަނަ ދުވަހު ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.
އެ ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވާ ކަންތައްތަކުގެ ތެރޭގައި މި ޖޫން މަސް ނިމުމުގެ ކުރިން ފްލެޓަށް ވަދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި ފިނިޝިން މަސައްކަތް ކުރެވޭނެ ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި މަހު ކުލި 5،500 ރުފިޔާއަށް ކުޑަކޮށް ދިނުމުގެ އިތުރުން ޕެންޝަން ފަންޑުން ޑައުން ޕޭމަންޓާއި ފިނިޝިން މަސައްކަތަށް ފައިނޭންސް ކުރެވޭ ގޮތް ހަމަޖައްސައި ދިނުން ހިމެނެއެވެ.
މީގެ އިތުރުން ފިނިޝިން މަސައްކަތް ނިންމުމަށްޓަކައި ކުލި ނުހިނގާ މުއްދަތު ތިން މަހުން 12 މަހަށް އިތުރުކޮށް ދިނުމާއި ފިނިޝިން މަސައްކަތް ރައްޔިތުން އަމިއްލައަށް ކުރަން ޖެހޭތީ، ޖުމުލަ ކުލިން އެއްލައްކަ ރުފިޔާ މައާފު ކޮށްދިނުމުގެ އިތުރުން ފްލެޓަށް ދިރިއުޅުން ބަދަލު ކުރާއިރު، ފްލެޓުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވައި ދިނުމަށް ވެސް އެ ޕެޓިޝަންގައި ގޮވާލާފައި ވެއެވެ.