ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އެކި ވޭރިއަންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، އެއް ޕޭޝަންޓަކު، އެއް ވަގުތެއްގައި، 2 ވޭރިއަންޓަކަށް އިންފެކްޓް ވެދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދެއްވައިފިއެވެ.

އެކަކު، އެއް ވަގުތެއްގައި، 2 ވޭރިއަންޓަކަށް އިންފެކްޓް ވެދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާން ފަށާފައި މިވަނީ، ދާދި ފަހުން ފަހާގަވި ކޭސްއަކާ ގުޅިގެންނެވެ. އެގޮތުން، ކޮވިޑް ޖެހިގެން މަރުވި 90 އަހަރުގެ އަންހެނެއް، 2 ވޭރިއަންޓަކަށް ޕޮޒިޓިވް ކަން ވަނީ ހާމަވެފައެވެ. އެމީހާއަކީ އިނގިރޭސިވިލާތާއި ދެކުނު އެފްރިކާއިން ފެނުނު އަލްފާ އަދި ބީޓާ ވޭރިއަންޓަށް ޕޮޒިޓިވްވި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މާޗް 2021 ގައި ބެލްޖިއަމްގައި މަރުވި އެ އަންހެން މީހާއަކީ ކޮވިޑް އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ވާ މީހެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭނާގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، އެ އަންހެން މީހާއަށް ކޮވިޑްގެ އިންފެކްޝަންތައް ޖެހިފައި ވަނީ 2 މީހެއްގެ ފަރާތުންނެވެ.

ދާއިރާގެ ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި މިއީ، ކޮވިޑްގެ 2 ވޭރިއަންޓެއް އެކަކަށް، އެއް ވަގުތެއްގައި ޖެހިގެން، ލިޔެކިއުމުގައި ރެކޯޑް ކުރެވުނު ފުރަތަމަ ކޭސް ވެސް މެއެވެ. ނަމަވެސް، މިފަދަ ކޭސްތައް މިހާރު މަދުން ނަމަވެސް ހިނގަމުން އަންނަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

90 އަހަރުގެ އަންހެން މީހާގެ ކޭހާ ބެހޭ ގޮތުން، ޔޫރަޕިއަން ކޮންގްރެސް އޮން ކްލިނިކަލް މައިކްރޮބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގައި މަޝްވަރާ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ޖެނުއަރީ 2021 ގައި، ބްރެޒިލްގެ ސައެންސްވެރިންވެސް ވަނީ 2 މީހެއްގެ ހަށިގަނޑުން އެއް ވަގުތެއްގައި 2 ވޭރިއަންޓެއް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓް ކޮށްފައެވެ.

ދާދި ފަހުން ޕޯޗުގަލްގެ ދިރާސާ ޓީމަކުންވެސް ވަނީ، އުމުރުން 17 އަހަރުގެ ކުއްޖަކު، ކޮވިޑް ބަލިން ރަނގަޅުވަމުން އަންނަނިކޮށް، ދެވަނަ ވޭރިއަންޓަކަށް އިންފެކްޓްވި ކަމަށް ރިޕޯޓް ކޮށްފައެވެ.