މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިފައިވާ ކާރުހާނާގެ ވެރި ފަރާތް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހާޝިމް ފުޑްސްގެ ވެރިޔާ، އަބުލް ހާޝިމްއާއެކު ޖުމުލަ 8 މީހަކު ހައްޔަރު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހާޝިމްގެ 4 ފިރިހެން ދަރިންވެސް ހިމެނެއެވެ. މި ހުރިހާ އެންމެންނާ ދެކޮޅަށް އުފުލަނީ ގަސްތުގައި މީހުން މެރިކަމުގެ ކުށުގެ ދައުވާ ކަމަށް، ބަންގްލަދޭޝް ފުލުހުން ބުނެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރޯވި އަލިފާންގަނޑު 24 ގަޑިއިރު ވީ އިރުވެސް ކޮންޓްރޯލް ނުކުރެވި އަނދަމުން ދިޔަ އިރު، މަރުވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައެވެ.

ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ޖުލައި 8، 2021 ވަނަ ދުވަހު ރޯވި އަލިފާންގަނޑު / ފޮޓޯ: އަލްޖަޒީރާ

ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، މަރުވި މީހުންގެ ތެރޭގައި ގިނައީ އިމާރާތުގެ ތެރޭގައި ތާށިވި މީހުން ކަމަށާ، އެމީހުން އިމާރާތުގެ ތެރޭގައި ތާށިވީ، އިމާރާތުން ބޭރަށް ނިކުމެވެން އޮންނަ މައި ދޮރޯށި ތަޅުލާފައި ހުރުމުގެ ސަބަބުން ކަމަށެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށްވެސް އަނިޔާ ލިބިފައި ވާއިރު މިކަމާ ބެހޭ ވަކި އިންކުއަރީއެއް ވަނީ ފަށާފައެވެ.

ބަންގްލަދޭޝްގެ ލޭބާ މިނިސްޓަރު، މޮންނުޖާން ސޫފިއާން ވިދާޅުވީ، ހާދިސާއަށް ފަހު، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާ އޭނާއާ ބައްދަލުވެފައި ވާ ކަމަށާ، އަނިޔާވީ ފަރާތްތަކުގެ ތެރޭގައި އުމުރުން އެންމެ 14 އަހަރުގެ ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ރޯވި ކާރުހާނާގައި ލޭބަރުންގެ ގޮތުގައި ކުޑަކުދިން ޝާމިލު ކޮށްފައި ވާނަމަ، ކާރުނާހާގެ ވެރި ފަރާތުގެ އިތުރުން އިންސްޕެކްޓަރުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ވަޒީރު ވަނީ ދެއްވާފައެވެ.

ހާޝިމް ފުޑްސްއަކީ އެކި ގައުމުތަކުގައި އޮޕަރޭޓް ކުރަމުން އަންނަ ސަޖީބު ގުރޫޕުގެ ޔުނިޓެކެވެ. އެ ގުރޫޕުގެ ޗެއާމަން އަދި މެނޭޖިންގް ޑައިރެކްޓަރަކީވެސް ހާޝިމްއެވެ. ހާޝިމްއާއެކު ހައްޔަރު ކޮށްފައި ވާ އިތުރު މީހުންނަށް ބަލާއިރު، ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝަހާން ޝާހް އަޒާދު ހިމެނެއެވެ.

ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ޖުލައި 8، 2021 ވަނަ ދުވަހު ރޯވި އަލިފާންގަނޑު 24 ގަޑިއިރު ވީ އިރުވެސް އަނދަނީ / ފޮޓޯ: އަލްޖަޒީރާ

ހައްޔަރު ކުރުމުގެ ކުރިން، ބަންގްލަދޭޝްގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހާޝިމް ވަނީ، ހާދިސާގެ އިލްޒާމު، ކާރުހާނާގެ މަސައްކަތްތެރިންނަށް އަމާޒުކޮށްފައެވެ. އެގޮތުން ސިނގިރޭޓް އެއްލާލުން ފަދަ ކަމަކުން އަލިފާނުގެ ހާދިސާ ހިނގި ކަމަށް ހާޝިމް ވަނީ އިޝާރާތް ކޮށްފައެވެ.

6 ފަންގިފިލާއަށް ހަދާފައި ހުރި ކާރުހާނާގެ އިމާރާތުގެ އެންމެ ތިރީގައި ރޯވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެމާޖެންސީ ކުރޫއިން މައުލޫމާތު ދީ ފައި ވާ ގޮތުގައި، މަރުވި ގިނަ މީހުން ތާށިވީ 3 ވަނަ ފަންގިފިލާގައެވެ.

މި ހާދިސާގައި 50 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާއިރު، ބައެއް މީހުންނަށް ވީނުވީއެއް އަދިވެސް ނޭނގެއެވެ. ވީނުވީއެއް ނޭނގި، ގެއްލިފައިވާ މީހުންގެ ތެރޭގައި އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.