ހުޅުވާލޭގައި ހުރި ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ ތަނބެއްގައި ބޮޑު ބާގަނޑެއް ހެދިފައިވާ ކަމަށް ބުނެ ދައުރުވާ ވީޑިއޯއަކީ ޒޫމްކޮށް ނަގާފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ޓަވަރުގެ ތަނބެއް ނޫންކަމަށް އެޗްޑީސީން ބުނެފިއެވެ.

ވީޑިއޯއިން ފެންނަނީ ހިޔާ ޓަވަރުތަކުން ކުރެ ޓަވަރެއްގެ ގްރައުންޑް ފްލޯގެ ތަނބެއްގައި ވަރަށް ބޮޑު ބާގަނޑެއް ހުއްޓައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ދައުރުވަމުންދާ ވީޑީއޯއިން ފެންނަނީ ހިޔާ ފްލެޓް ޓަވަރެއްގެ ގްރައުންޑް ފުލޯގައި ރޭންޕެއް ހެދުމަށް ޓަކައި ބޭރަށް ވާގޮތަށް ހުރި ކޮންކްރީޓު ޝީޓު ކޮޅެއް ކަނޑާލާފައިވާ ހިސާބުގައި ހުރި ތަންކޮޅެއް ކަމަށާއި އެތަންކޮޅު ޒޫމްކޮށްގެން ނަގާފައިވާ ވީޑިއޯކޮޅެއް ކަމަށެވެ.

މިކަން ފާހަގަވީ ހިސާބުން ކޮންޓުރެކްޓަރު ލައްވާ އެކަމަށް އެންމެ އެކަށީގެންވާ ގޮތްތައް ބޭނުންކޮށްގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއެކު މީގެ ދުވަސްކޮޅެއް ކުރިން މިތަންވަނީ މަރާމާތުކޮށްފައި
އެޗްޑީސީ

އެޗްޑީސީން ބުނީ އެތަންކޮޅު ވާނީ މީގެ ދުވަސްކޮޅެއް ކުރިން މަރާމާތު ކޮށްފައި ކަމަށެވެ.

https://www.facebook.com/100003620468910/videos/403479070998886/

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރި ހިޔާ ފްލެތްތައް ގުރުއަތުލައި 6720 ފްލެޓް ވަނީ އެކި ފަރާތްތަކަށް ދީފައެވެ. އެ ފްލެޓް ތަކަކީ، ހަމަ އެކަނި ކޮންކްރީޓް ނިންމާ ކުލަލައި ކަރަންޓް ވަޔަރުކޮށް، ބަދިގެއަށް ވާ ސިންކު ފާރުބުރީގައި އެއްފޫޓް އެއްފޫޓު ސިންކަކާއި، ފާހާނާ ތައްޓަކާއި، ޝަވަރެއް ހަރުކޮށްފައި ހުރި ފްލެޓް ތަކެކެވެ. ފިނިޝިންއާ ގުޅޭ އެނޫން އެއްވެސް މަސައްކަތެއް އެތާނގައި ކޮށްފައި ނެތެވެ.

ހިޔާ ފްލެޓްތައް އެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ ވެސް ހުރި ގޮތަށް ފިނިޝިން ނުނިންމައެވެ. އަދި މިހާރު އެ ތަނަށް ކަރަންޓް ލުމުގެ މަސައްކަތް ކުރަމުން އަންނައިރު ފްލެޓް ލިބުނު ފަރާތްތަކާއެކު މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފްލެޓް ބަލާލަން ބޭޏުން ފަރާތްތަކަށް ފްލެޓް ދެއްކުން ވަނީ ކުރިއަށް ގެންގޮސްފައެވެ.