ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ އޮރެންޖު އެލާޓް ނެރެފިއެވެ.

އޮރެންޖު އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް މިއަދުގެ 05:00 އިން ފެށިގެން މިރޭގެ 21:00 ގެ ނިޔަލަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކަށް ހުރިހާ ބޭފުޅުންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާ ދަތުރަށް ނުކުންނައިރު ސަލމަތީ ކަންކަނާއި މުއާސަލާތީ ނިޒާމް ފުރިމަކަން ޔަގީން ކުރުމަށްވެސް އެންޑީއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން އެއްލާލާފާނެ ފަދަ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ހާމަކުރާ ގޮތުގައި މި ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 5 – 8 ދެމެދުގައި ކަމަށާ ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 – 5 ފޫޓުގައި ކަމަށްވެސް މެޓް އިން ބުނެއެވެ.

މެޓް އޮފީހުންވެސް ވަނީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެދިފައެވެ.