މާލެއާއި ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއްވިއުގައިން ގުޅާލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މިހާރު ނިމިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަން ޖެހުނީ އެ މަސައްކަތުގައި ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން 3 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމާތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލާފައެވެ.
މިއީ ގްރޭޓާ މާލެ ސަރަހައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހިންގަމުން އަންނަ ބިޔަ މަޝްރޫއުގެ ބައެކެވެ.
މާލެއާއި ހުޅުމާލެއާއި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލުމުން މިތިން ސަރަހައްދުގެ ތެރެއިން އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ހާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަހައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ އަންނަ ހުކުރު ދުވަހު މި ކަނެކްޝަންތަކުގެ އެނެލިސިސްއެއް ހެދުމަށްފަހު ކަރަންޓު ދިނުމުގައި އެއްވެސް މައްސަލައެއް ދިމާވޭތޯ ބަލައި އެކަމެއް ހައްލުކުރެވޭނެކަމަށެވެ. އަދި އެއަށްފަހު މިވިއުގަ ބޭނުންކުރަން ފެށޭނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
45 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ކުންފުންޏަކުންނެވެ.