މި ސަރުކާރަކީ ކުރަންޖެހޭ ކަންކަން ކުރުމުގެ "ގަޓް" ނެތް ސަރުކާރެއް ކަމަށާއި އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވަން އެދިވަޑައިގަންނަވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިހެން ވިދާޅުވީ މިއަދު ޖުޑިސަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖީލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގީ ފިނޑި އަމަލެއް ކަމަށެވެ. އެ ބިލަކީ ސަރުކާރުން އެދިގެން މަޖިލީހަށް ހިސާން ހުށަހެޅުއްވި ބިލެއް ކަމަށާއި ނަމަވެސް ފަހުން ސަރުކާރުގެ ބައެއް ބޭފުޅުން "އަޑީގައި" ތިއްބަވައިގެން ބިލާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދިޔައީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ހަމައެއާއެކު އެ ހުރިހާ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލަން ކުރާ ކަމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި އެ ކަން ކުރަން ފުރުސަތު ދެވުނީ ރައީސް ސޯލިހް އެ ޖާގަ ދެއްވުމުން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެންކަމުން ރައީސް އިސްތިއުފާ ދެއްވަން ބޮންޑޭ ގޮވާލެއްވިއެވެ.
ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް އަލުން ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އަރިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީ ތެރޭގައި ހިޔާލުތަފާތުވުން އިތުރުވެ އެ ޕާޓީ ވަނީ ބައިބައިވެފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ އިސް ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެމްޑީޕީ ދެބަޔަކަށް ބެހިފައި ވަނީ އަންނަ ރިޔާސީ އިންތިހާބުގެ ޓިކެޓް ކާމިޔާބު ކުރައްވާނެ ފަރާތެއް ޔަގީން ވުމާ ހަމައަށް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެއެވެ.
ތެޅުނުވަރަކަށް ހުޅުނބު ދާނީ. ކިތައްމެ އަސަރެއް ކުރިޔަސް ބަރުލަމާނީއެއް ނުގެނެވޭނެ އަދި އަމަލުތައް ތިހުރިގޮތުން ބޮޑު ވަޒީރުކަންވެސް ރައީސްކަންވެސް ނުލިބޭނެ. އެއްލަކަ ވޯޓު ދިން މީހުން މިހާރު ތި ފޮޓޯ ބޭނުމެއް ނުވެއެވެ. ފަހަތުގަ ތިބެވިއްޖެއެވެ. އަމިއްލަ އެދުން ހުރި މިންވަރު ހާމަ ވެއްޖެއެވެ.