މިހާރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާނަމަ ޕީސީއާރްގެ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ 2 ޑޯޒް ހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާ ގުޅިގެން މިހާރު ހޯމްކަރަންޓީނުގައި ތިބި ފަރާތްތަކާ އެ ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިން ވެސް ޕީސީއާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑް-19 އެމާޖެންސީ ޔޫސްލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު މޮނިޓަރިން ހާލަތުގައި ނުހިމެނޭ ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަރަންޓީން ނުވެ ދަތުރު ކުރެވޭ ގޮތަށް ލުއި ވަނީ ދީފައެވެ.

މި ގޮތަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ. އެގޮތުން ދަތުރުކުރާ މީހުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާން ވާނެއެވެ. މޮނިޓަރިންގެ ހާލަތުގައި ނުވާ ރަށްރަށަށް ދަތުރު ކުރެވޭ އިރު ޕީސީއާރް ޓެސްޓެއް ވެސް ހައްދަން ޖެހެއެވެ. އަދި ހަދާ ޕީސީއާރް ޓެސްޓުތަކަކީ ސާވޭލަންސްގެ ގޮތުގައި ހަދާ ރެންޑަމް ސާމްޕަލްއެއް ކަމުގައި ވިޔަސް ފުދޭނެއެވެ.