ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް ސޭންޑްކާސަލް ނުވަތަ ވެލީގެ ގަނޑުވަރު ބިނާ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ގަނޑުވަރު ފަރުމާ ކުރި ފަރާތުން މައުލޫމާތު ދޭ ގޮތުގައި، 20 މީޓަރަށް ވުރެސް އުސް، މި ގަނޑުވަރު ބިނާ ކުރުމަށް، ގާތްގަނޑަކަށް 5000 ޓަނުގެ ވެލި ބޭނުން ކޮށްފައި ވާނެއެވެ.

އުސްމިނުގައި 21.6 މީޓަރު ހުންނަ މި ވެލިގަނޑުވަރު ހުންނަނީ ޑެންމާކުގައެވެ. މިއީ މިހާތަނަށް ހެދި އެންމެ އުސް ވެލިގަނޑުވަރަށް ވުރެ، 3 މީޓަރު އުސް ގަނޑުވަރެކެވެ. މީގެ ކުރިން ރެކޯޑް އޮންނަނީ ޖަރުމަނުންގެ އަތުގައެވެ. އެއީ 2019 ވަނަ އަހަރު ތައްޔާރު ކުރި ގަނޑުވަރެކެވެ.

ޖަރުމަނުގެ ރެކޯޑް މުގުރާލި ޑެންމާކުގެ އައްސޭރިފަށުގެ ކުޑަ އަވަށެއްގައި ބިނާ ކޮށްފައިވާ ދުނިޔޭގެ އެންމެ އުސް ވެލިގަނޑުވަރު ފަރުމާކޮށްފައި ވަނީ، އެންމެ ކުދި ތަފްސީލުވާނެ ފަދައިން، އިހުރާމް ނުވަތަ ޕިރަމިޑެއްގެ ބައްޓަމަށެވެ.

މި ގަނޑުވަރު ބިނާ ކުރުމުގައި އިސްކޮށް ހުރި މޭސްތިރިއަކީ ވިލްފްރެޑް ސްޓައިޖާއެވެ. އޭނާއާއެކު، މިމަސައްކަތުގައި 30 މީހުންގެ ޓީމަކުން ބައިވެރިވިއިރު، މި ޓީމަކީ، ވެލީގެ ފަރުމާތައް ކުރުމަށް މުޅި ދުނިޔޭގައިވެސް ތިބި އެންމެ ފަންނުވެރި މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ގަނޑުވަރު އަމާޒު ކޮށްފައި ވަނީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ގަދަ ބާރު ހަނދާން ކޮށްދިނުމަށެވެ. އެގޮތުން، ގަނޑުވަރުގެ އެންމެ މަތިން ފެންނަނީ، ތާޖެއް އަޅައިގެން އިންނަ ކޮވިޑް ވައިރަހެވެ. ސްޓައިޖާ ބުނާ ގޮތުގައި އެ ވައިރަހަކީ މިއަދު މުޅި ދުނިޔޭގައި ވެރިކަން ކުރަމުން އަންނަ ވައިރަހެވެ.