ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖޭކަބް ޒޫމާ، ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށްޓަކާ، އަމިއްލަފުޅަށް ފުލުހުންނާ ހަވާލުވެވަޑައިގެންފިއެވެ.

ޒޫމާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ، ކޯޓުގެ ހުރުމަތް ކަނޑާ ލެއްވި ކަމުގެ ކުށުގައެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި، ދެކުނު އެފްރިކާގެ ފުލުހުންނާ ޒޫމާ އަމިއްލަފުޅަށް ހަވާލުވެވަޑައިގަތީ، އޭނާގެ އުފަން ރަށް ކަމަށްވާ ކުވާޒޫލޫ-ނޭޓަލް ޕްރޮވިންސްގެ ޖަލެއްގެ ކައިރިއަށް ވަޑައިގަތުމަށް ފަހު، އިއްޔެގެ ފަހުގެ ވަގުތެއްގައި ކަމަށް، ޒޫމާގެ ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

ޒޫމާ އަމިއްލަފުޅަށް ފުލުހުންނާ ހަވާލުވެވަޑައިގެންފައި މިވަނީ، އިއްޔެގެ ނިޔަލަށް އޭނާ އެކަން ނުކުރައްވައިފިނަމަ، އުމުރުފުޅުން 79 އަހަރުގެ ޒޫމާ، ހައްޔަރުކޮށްގެން ބަންދަށް ގެނައުމަށް ތައްޔާރަށް އޮތްކަމުގެ އިންޒާރު، ދެކުނު އެފްރިކާގެ ފުލުހުން ދީފައި ވާ ދަނޑިވަޅެއްގައެވެ.

ކޯޓުގެ ހުރުމަތް ކަނޑާލެއްވި ކަމުގެ ކުށުގައި 15 މަހުގެ ޖަލު ހުކުމެއް ޒޫމާގެ މައްޗަށް އިއްވާފައި ވަނީ، އޭނާއާ ދެކޮޅަށް ހިންގާ ކޮރަޕްޝަން އިންކުއަރީގެ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުމަށް ފެއިލްވެފައި ވާތީއެވެ.

ޒޫމާ ގެންދަވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. އަދި އޭނާއަކީ ސިޔާސީ ކުޅިގަނޑެއްގެ ޝިކާރައެއް ކަމަށްވެސް ޒޫމާ ގެންދަވަނީ ވިދާޅުވަމުންނެވެ.

ޒޫމާ ވަނީ ޖަލަށް ވަޑައިގަތުމަށް ފަސްޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި، އެ އުމުރުގެ މީހަކު ޖަލުގައި ބެހެއްޓުމަކީ މަރުގެ ހުކުމެއް އިއްވުން ފަދަ ކަމެއް ކަމަށް ޒޫމާ ވަނީ ވިދާޅުވެފައެވެ. އަދި ޖަލަށް ވަޑައިގަތުމަށް، މިދިޔަ އާދީއްތަ ދުވަހު، ޒޫމާ ވަނީ އިންކާރު ކުރައްވާފައެވެ.

ދެކުނު އެފްރިކާގެ ތާރީހުގައިވެސް، ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނަވާފައެއް ނުވެއެވެ.