ގާނޫނުލް އުގޫބާތު ބިލަށް މާއްދާތަކެއް އިތުރުކުރަން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު ނަގައިފިއެވެ.

ކޮމިޓީ އިން މިދިޔަ ހަފްތާގައި އެ ބިލުގެ މަސައްކަތް ނިންމުމަށްފަހު މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ލާފައި އޮތް ނަމަވެސް އިއްޔެގެ ވަގުތެއްގައި އެ ބިލަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ ބޮޑެތި އިސްލާހުތަކެއް ހުށައަޅުއްވާފައެވެ. ޔައުގޫބު މި ހުށައެޅުންތައް ހުށައަޅާފައިވަނީ ކޮމިޓީ މަރުހަލާގައި ސަރުކާރުން އެދުނު ގޮތައް ބަދަލު ނުގެނެސް ބިލްގެ މަސައްކަތް ނިންމުމުންނެވެ.

އިސްލާމިކް މިނިސްޓްރީ އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ މި ބިލަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކެއް ގެނައުމަށް ހުށައަޅާފައެވެ. ނަމަވެސް އެ އިސްލާހުތައް ގެނައުމުގެ ނަމުގައި ބިލްގެ ބައެއް މާއްދާތައް އުނިކޮށް ބިލް ކުރީން އޮތް ގޮތައްވުރެ ވެސ މިހާރު ވަނީ ގޯސް ކޮށްލާފައެވެ.

ޔައުގޫބު ހުށައަޅުއްވާފައިވަނީ އެ ބިލުގެ ފުރަތަމަ މާއްދާއިން ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.

ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވާލުމާ އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ.

މީގެ އިތުރުން މާތްﷲ އާއި ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި ސަހާބީންނާއި އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުުރުން ނުވަތަ އިސްލާމީދީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލުން ނުވަތަ އަމުރު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނަން ވަނީ ހުށައަޅާފައެވެ.

މި ބިލަށް ސަރުކާރުގެ ވިސްނުމާ އެއްގޮތައް އިސްލާމިކް މިނިސްޓްރީ އިން ހުށައަޅާފައިވާ އިސްލާހުތަކުގެ ތެރެއިން "އާންމު ތަނެއް" ކަމަށް ބުނެފައިވަނީ އާންމުން ހިނގާ ބިގާވާ ތަންތަނާ އެ ތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާ އާންމުން މަޑުކޮށްލައިގެން ތިބޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާ ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާ ހަބަރާ މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތައް ކަމަށެވެ.

އަދި " އަނިޔާވެރިވުމަށް ގޮވާލުން" ކަމަށް ބުނެއިވަނީ މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުމެއް ދިނުމަށް ގޮވާލުމަށް ކަމަށް ވެއެވެ. އަދި މީހަކު ކުރާ ކުށަކަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ޝަރުއީ މަރުހަލާއަކުން އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަށް ގޮވާލުން މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.

އިސްލާހުގައި ބުނެފައިވަނީ "މުރުތައްދުވުން" ކަމަށް ބުނެފައިވަނީ ވަނީ އަހްލުއްސުންނަތް ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއް ކަމާއިމެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހުތައް ހުށައަޅާފައިވާއިރު މަޖިލީހުގެ ރިޔާސަތުން ނިންމާފައިވަނީ މިއަދުގެ ޖަލްސާގައި މި ބިލުގެ މަސައްކަތް ނިންމާ ވޯޓައް އަހާށެވެ. ނަމަވެސް މެންބަރުން ވަނީ އެކަމަށް ހުރަސްއަޅުއްވާފައެވެ. މި ޕްރެޝަރުތަކާ ގުޅިގެން ރިޔާސަތުން ވަނީ މި ބިލުގެ މަސައްކަތް އެޖެންޑާއިން ނަގާފައެވެ.