ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހާލު ބޮޑުވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ބޭނުން ކުރެވިދާނެ އިތުރު ބޭސްތަކެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލިސްޓު ކޮށްފިއެވެ.

ކޮވިޑް ޖެހި، ހާލު ބޮޑުވާ ޕޭޝަންޓުންގެ ފަރުވާގެ ލިސްޓަށް، އިންޓަލިއުކެން-6 ރިސެޕްޓާ ބްލޮކާޒް އިތުރު ކޮށްފައި ވާއިރު، މިއީ ކޮވިޑްގެ ފަރުވާއަށް ބޭނުން ކުރެވިދާނެ ލިސްޓަށް ޑަބްލިއުއެޗްއޯއިން އިތުރު ކުރި ދެވަނަ ބޭސްތައް ކަން ފާހަގަ ކުރަން ޖެހެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ، މި ބޭސްތަކަކީ ކޯޓިކޯސްޓެރޮއިޑްސްއާ އެކު ބޭނުން ކުރުމުން، އެދެވޭ ނަތީޖާތަކެއް ނެރެދޭ ބޭސްތަކެއް ކަމަށެވެ. ކޮވިޑްގެ ފަރުވާގެ ތެރޭގައި، ކޯޓިކޯސްޓެރޮއިޑްސް ބޭނުން ކުރަން، ޑަބްލިއުއެޗްއޯއިން ލަފާ ދިނީ ސެޕްޓެންބަރު 2020 ގައެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، މި ބޭސްތަކަކީ ކޮވިޑް ޖެހި، ހާލު ސީރިއަސްވެ، ކްރިޓިކަލް ހާލަތުގައި އޮންނަ ޕޭޝަންޓުންނާއި އެމީހުންގެ އާއިލާތަކަށް އުއްމީދު އާ ކޮށްދެނިވި ބޭސްތަކެއް ކަމަށެވެ.

އިންޓަލިއުކެން-6 ބްލޮކިންގް ޑްރަގްސް ނުވަތަ ބޭހުގެ ތެރޭގައި ޓޮސިލިޒޫމާބް އަދި ސަރިލުމާބް ހިމެނެއެވެ.

މި ބޭސްތައް ބޭނުންކޮށްގެން ޑަބްލިއުއެޗްއޯއިން ހޯދި ހޯދުންތަކަށް ބަލާއިރު، ސިވިއާ ހާލުގައި އޮތް ކޮންމެ 1000 ޕޭޝަންޓެއްގެ ތެރެއިން، ކޮވިޑްގައި މި ދުނިޔެ ދޫކުރި ޕޭޝަންޓުންގެ އަދަދު، 15 އަށް ވުރެ ދަށެވެ. ކުރިޓިކަލް ޕޭޝަންޓުންގެ ތެރެއިން ކޮންމެ 1000 ޕޭޝަންޓެއްގެ ތެރެއިން މަރުވި ޕޭޝަންޓުންގެ އަދަދު 28 އަށް ވުރެ މަދެވެ.

ކޮވިޑްގައި ހާލު ސީރިއަސް އަދި ކުރިޓިކަލް ވާ ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވިދާނެ އިތުރު ބޭސްތަކަކަށް ޑަބްލިއުއެޗްއޯއިން ފެހި ސިގުލަން ދީފައި މިވަނީ، އިންޑިއާއިން ފެންމަތިވި ޑެލްޓާ ވޭރިއަންޓްގެ ނުރައްކަލާއެކު، ދެކުނު އެފްރިކާ، އިންޑޮނޭޝިއާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް، ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނަ ދަނޑިވަޅެއްގައެވެ.