މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބައެއް މީހުންގެ ވަކީލުން އެ މައްސަލައިން އަމިއްލައަށް ތަނާޒުލް ވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެތެރެއިން ބައެއް މީހުންނަށް ވަކީލުން ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް ހަމަޖެއްސި ވަކީލުން މިހާރު އަމިއްލައަށް މައްސަލައިން ތަނާޒުލު ވެފައިވާ ކަން ވަނީ އެގިފައެވެ. އެ ވަކީލުން ތަނާޒުލް ވީކަން ރަސްމީ އިދާރާތަކަށް އަންގާފަ އިވީ ނަމަވެސް ތަނާޒުލް ވީ ސަބަބެއް އަންގާފައެއް ނުވެއެވެ.

މި ހަމަލާގެ ތުހުމަތު ކުރެވޭ މީހުންނަށް ބަޔަކު ވަކީލުން ހަމަޖެއްސުމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހައްޔަރު ކޮށްފައިވާ ބައެއް މީހުންނަށް ވަކީލުންގެ ގޮތުގައި ހަމަޖެއްސީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އިސްތިއުފާ ދެއްވި މުހައްމަދު ރާގިބު އަހުމަދުގެ ލޯފާމްގެ ވަކީލުން ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގައި 8 މީހަކު ހައްޔަރުކޮށްފައި ވާކަން ހާމަކޮށްފައި ވާއިރު ވަނަވަރު ހާމަކޮށްފައި ވަނީ އޭގެ ތެރެއިން 5 މީހުންގެ އެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.