ރާއްޖޭގައި ވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށް އިދިކޮޅުން ބުނެފިއެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްގައި ޕީޕީއެމް އިން ބުނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ނަޝީދާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބިކަމަށާ، ނަމަވެސް މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ޖެހޭނެކަމަށެވެ.

ރޭ މަޖިލީހުގެ އިދާރާއިން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ 2023 ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި 2023 ގައި އެމްޑީޕީ އިން ކުރިމަތިލާނެ ކެނޑިޑޭޓަކީވެސް އެމަނިކުފާނުކަމަށް ވިދާޅުވެފައިވެއެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯދުމަށް ޓަކައި އިނގިރޭސި ވިލާތުގައި ހުންނަވާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެކަން ކުރަންވާނީ އިދިކޮޅު ޕީޕީއެމްއާ ގުޅިގެން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށާ އެ ޕާޓީއަކީވެސް ބަރުލަމާނީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންނެވެ.

2008 ވަނަ އަހަރު އާ ގާނޫނު އަސާސީ އެކުލަވައިލުމުގެ ކުރިން 2007 ވަނަ އަހަރު ވަނީ ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައެވެ. އަދި އެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސަންޓު މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށްފައެވެ.

ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާ ގޮތެއް އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް ރޭ މަޖިލީހުން ބޭއްވި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިކަމަށް އެއްވެސް އިރެއްގައި ރައީސް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.