ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ވިއްކުމުގެ އެއްބަސްވުން ތައްޔާރުކޮށް ސޮއިކުރުމަށްޓަކާ "ހިޔާ 7000 ޕޯޓަލް"ގައި ޕާސަނަލް އެކައުންޓް ހަދަން އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އެންމެ ފަސޭހަ އަދި ހަލުވި ގޮތެއްގައި ކުރިޔަށް ގެންދިއުމުގެ ގޮތުން، ހިޔާ މަޝްރޫއުއަށް ހާއްސަކޮށްގެން އެކޯޕަރޭޝަނުން ތައާރަފުކުރާ "ހިޔާ 7000 ޕޯޓަލް" ގައި އެ މަޝްރޫއުއިން ފްލެޓު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ޕާސަނަލް އެކައުންޓް ހުޅުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ އޮންލައިން ޕޯޓަލުގެ މަގްސަދަކީ، ފްލެޓު ލިބިފައިވާ ފަރާތްތަކުން އެ ކޯޕަރޭޝަނަށް ލިޔެކިޔުންތައް ހުށަހެޅުމާއި އަދި އެހެނިހެން މުއާމަލާތްތައް ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާ ދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާއި އެކުވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ހުއްޓުމެއްނެތި ކުރިއަށްގެންދެވޭނެ އިންތިޒާމު ފަހިކުރުމުގެ ގޮތުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އޭގެ އިތުރުން އެއްބަސްވުމުގައި ސޮއި ކުރަން ފެށުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ކޮށް ނިންމުމަށް މަސައްކަތް ކުރާ ކަމަށާ އެދުވަހާ ހަމައަށް ނުނިމިއްޖެ ނަމަ ޖުލައި މަސް ނިމުމުގެ ކުރިން ކަރަންޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފައެވެ.

ފްލެޓުތައް ލިބުނު މީހުންނަށް މިހާރު ދަނީ އެ ތަންތަން ދެއްކުމުގެ މަސައްކަތް ކުރަމުންނެވެ.