ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއަށް ކުރާ ތުހުމަތަށް އޭނާ އިންކާ ރުކޮށްފިއެވެ.

އިއްޔެ ކޯޓަށް ހާޒިރުކުރުމުން އަޝްމަލީ މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފައި ވާއިރު އަޝްލަމީގެ ފަރާތުން ވާހަކަ ދައްކަމުން ވަކީލު ބުނީ އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ އަމަލެއް ހިންގުން ނޫން ކަމަށެވެ.

އަޝްމަލީއަށް ވެބްސައިޓަކުން އިސްތިހާރެއް ފެނިގެން "އޮއިލް މަސާޖެއް ކުރަން" އޮންލައިންކޮށް ފައިސާ ދައްކާ ބުކިން ހެދީ ކަމަށާއި ބުކިން ހެދި އިރު އެއީ ކުޑަ ކުއްޖެއްކަން ވެސް އޭނާއަށް ނޭނގޭ ކަމަށް ވަކީލު ބުނެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރި ކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ، އެ މައްސަލައާ ގުޅިގެން 32 މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލައިގައި ޝާމިލްވި މީހުން އަތުލައިގަތުމަށް މެދުވެރިވީ، އަންހެން ކުއްޖާ ވިއްކަން އިޝްތިހާރެއް ހަދާ ދެ ވެބްސައިޓެއްގައި ޖަހާފައި ވަނި ކޮށް ފެނި އެކަން ކުރި އުމުރުން 35 އަހަރުގެ މީހަ ހައްޔަރު ކުރެވުމުން ކަމަށެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.