ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ލަންކާއިން ހައްޔަރު ކޮށްފައި ވަނީ ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކަން ހާމަވެއްޖެއެވެ.

ލަންކާ ފުލުހުންގެ މީޑިއާ އޮފިޝަލު އަޖިތު ރޯހާނާއާ ހަވާލަދީ ރާއްޖޭގެ ދުވަހު ނޫހެއް ކަމަށްވާ "މިހާރު" ނޫހުން ބުނެފައި ވަނީ، ވެބްސައިޓްތަކަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ތިން މަސް ވަންދެން އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވި މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ދިވެއްސަކީ އުމުރުން 45 އަހަރުގެ މުހައްމަދު އަޝްމަލީ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ އިންޓަނެޓް މެދުވެރިކޮށް އެ އަންހެން ކުއްޖާ ގަތުމުގެ ތުހުމަތުގައި ކަމަށް ވެސް ރޯހާނާއާ ހަވާލީ މިހާރު ނޫހުން ބުނެއެވެ.

މި މައްސަލައިގައި މިހާތަނަށް ވަނީ 45 މީހަކު ހައްޔަރުކޮށްފައެވެ. އެ ގޮތުން މިއަދު ހަތަރު މީހަކު ހައްޔަރުކޮށްފަިއވާ އިރު އެ މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ ކުއްޖާ ލައްވާ ހަށި ވިއްކުވި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ކުއްޖާގެ މަންމަ ހިމެނޭ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން އޮޓޯ ޑްރައިވަރަކާއި ކާރު ޑްރައިވަރަކާއި ފާދިރީއަކާއި ގަހަނާގެ ވިޔަފާރި ކުރާ މީހަކު ވެސް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ. އަދި ކުއްޖާ ވިއްކަން ހޮޓަލުން ކޮޓަރި ހަމަޖެއްސި އެ ހޮޓަލުގެ މެނޭޖަރު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.