ޝަރުއީ ރުގްޔާ ދަސްކޮށްދޭ ކޯހެއް މި ޖުލައި މަހުގެ 9 ދުވަހު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު 20:00 އިން 21:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ އަގީދާ، އެސްފީނާ، ހަސަދަ، ސިހުރާއި އޭގެ ފަރުވާގެ އިތުރުން ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ކަންތައްތައް ކުރާނެ ގޮތެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވައި ދެއްވާނީ އައްޝައިހް މުހައްމަދު ތާހާއެވެ.

މިކޯހާ ބެހޭ ގޮތުން ޝައިހް ތާހާ ވިދާޅުވީ ޝަރުއީ ރުގްޔާގެ ނަމުގައި މިހާރު މުޖުތަމައުގައި ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ ކަމަށާއި، މިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވަން ޖެހޭ ކަަމަށެވެ. އެހެންކަމުން ޝަރުއީ ރުގްޔާގެ ސައްހަ ޢިލްމު އުނގެނި، އަމިއްލަ ނަފްސަށާއި އާއިލާގެ މީހުންނަށް ރުޤުޔާކުރާނެ ގޮތް ދަސްކުރުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ޝެއިހު ތާހާ ވިދާޅުވިއެވެ. މީގެ އިތުރުން އަރަބިކް ލޭންގުއޭޖް ކޯހެއް ވެސް ފެށުމަށް ތައްޔާރު ވެފައި ވާކަމަށް ތާހާ ފާހަގަ ކުރެއްވިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ ނުވައެކެވެ. ކޯހުގެ ފީއަކީ 500 ރުފިޔާއެވެ.

މިކޯހުގައި ރަޖިސްޓާ ވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9461475 މި ނަންބަރަށް ވައިބާ ކުރުމުން މައުލޫމާތު ލިބޭނެއެވެ.