ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އައްޑޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ގއ. ކޮލަމާފުށި، ވިކްޓްރީ، މަފްތޫހު ސައީދު، އަނެއްކާ ވެސް ހައްޔަރު ކޮށްފިއެވެ.

އޭނާ އަނެއްކާވެސް ހައްޔަރު ކޮށްފައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުދަ ދުވަހު އޭނާ ދޫކޮށްލައިފައި ވަނިކޮށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އޭނާ މި މަހުގެ އެއް ވަނަ ދުވަހު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ކަމަށެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯތުން ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

މަފްތޫހް ކުރިން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫން ނެވެ. އޭރު އޭނާ އަށް ކުރި ތުހުމަތަކީ ވަކި ޖަމާއަތެއްގެ ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެ ކަމުގެ ތުހުމަތެވެ.

އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ މަފްތޫހުގެ އިތުރުން އައްޑޫން ހައްޔަރު ކުރި ފަސް މީހުން ދަށު ކޯޓުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ނިންމުން ބާތިލުކޮށް އެ މީހުން އަލުން ބަންދު ކުރަން ހައި ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާގެ ބަންދު އަމުރު ބާތިލު ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ފިޔަވައި އެހެން ހެއްކެއް ހުރިތޯ ބަލައި، އެ ހެކިތަކަށް ރިއާއަތްކޮށް އޭނާ ބަންދު ކުރަން ހިތަދޫ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.