އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއު ފަށާ ގަޑި ރޭގަނޑު 9 އަށް ބަދަލުކޮށްފިއެވެ.

ހިތަދޫގައި މީގެ ކުރިން ކާފިއު ހިންގާފައިވަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަށެވެ.

ރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ކާފިއު ހިންގާ ގަޑިއަށް ބަދަލުގެނެސްފައިވާއިރު ދެން ކާފިއު ގަޑިއަކީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކަމަށާއި ފިހާރަތައް ވެސް ރޭގަނޑު 9 ޖެހުމާ ހަމައަށް ހުޅުވައިގެން ހިދުމަތް ދެވޭނެ ކަމަށް ޝުއާއު ވިދާޅުވިއެވެ.

އޭގެ އިތުރުން ރޭގަނޑު 10 ޖެހުމާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި އަދި މިސްކިތްތަކުގައި ވަކިވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް ވެސް ހުއްދަ ދީފައިވާ ކަމަށް ޝުއާއު ވިދާޅުވިއެވެ.

އައްޑޫސިޓީ ހުރިހާ ރަށެއްގައި އަޅަފައި ވާ ކާފިއުގެ ތެރެއިން ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު ވަނީ އުވާލާފައެވެ. ހިތަދޫގެ ކާފިއު އިއުލާން ނިމުމަކަށް ގެނެސްފައި ނުވަނީ އެރަށުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީއެވެ.

ނަމަވެސް ހިތަދޫގެ ކޮވިޑްގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނައިރު، ފާއިތުވި ހަތަރު ދުވަހު ހިތަދޫއިން ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.