އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 143 މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، އިއްޔެ ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 104 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓު ތަކުން 08 މީހަކާއި ތަރައްގީ ކުރަމުންދާ ރަށްރަށުން 5 މީހެކެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސް މިވަނީ 3،359 އަށް ދަށްވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޖުލައި 1، 2021 ވަނަ ދުވަހު އެކްޓިވް ކޭސްގެ އަދަދު އުޅުނީ 3381 ގައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދު 74،074 އަށް އަރާފައިވާއިރު މި މީހުންގެ ތެރެއިން 70،490 މީހުން މިހާތަނަށް ރަނގަޅުވެފައި ވެއެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން އިއްޔެ އެއްވެސް މީހަކު މަރުވެފައި ނުވާއިރު ޖުލައި 1، 2021 ވަނަ ދުވަހާ ހަމައަށް ކޮވިޑްގައި މަރުވެފައިވަނީ 213 މީހުންނެވެ.

ރާއްޖެއިން މި ބަލި ފެންނަން ފެށިތާ މިއަދާ ހަމައަށް 482 ދުވަސްވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 48 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް ކޭސްތައް މިހާރު މަދުވަމުންދާއިރު ޖުލައި 1، އިން ފެށިގެން މާލެ ސަރަހައްދަށާ އަތޮޅުތެރެއަށް ވަނީ ލުއިތައްވެސް ދޭން ފަށާފައެވެ. އެގޮތުން ކޮވިޑްޖެހި ރަނގަޅުވެ 60 ދުވަސް ހަމަނުވާ ފަރާތްތަކަށް ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ލުއިވެސް ވަނީ ދީފައެވެ.