ދޭދޭ ގައުމުތަކުގައި އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ރާއްޖޭގެ މީޑީއާތަކުން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ފޮރިން މިނިސްޓްރީއިން އެދެފިއެވެ.

ފޮރިން މިނިސްޓްރީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތަކާ އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ކަރާމަތާއި އަބުރައް ނޭދެވޭ އަސަރު ކުރާގޮތައް ހަގީގަތާ ހިލާފު ހަބަރު ރާއްޖޭގެ ބައެއް ނޫސްތަކުގައި ޝާއިއު ކުރަމުންދާ ކަން ފާހަގަވާކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ރާއްޖެއާއި ބޭރުގައުމުތަކާ އެކު އޮންނަ ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، ރާއްޖެއާއެކު ޒަމާންވީ އެކުވެރި ގުޅުންތައް އޮތް ޤައުމުތަކާ ދޭތެރޭ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. މީގެ އިތުރުން އެ ޑިޕްލޮމަޓުންނަށް އޮންނަ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅި އެމީހުންގެ ޒިންމާ، އެންމެ ފުރިހަމައަށް އަދާކުރުމުގައި ހުރަސްއެޅިގެން ހިނގައިދާނެ ކަމަށްވެސް ބުނެއެވެ.

ގައުމުތަކުގެ މެދުގައި ޑިޕްލޮމަޓުން ބަދަލުކުރުމާ އެމީހުންނަށް ލިބެންޖެހޭ ހިމާޔަތާ ރައްކާތެރިކަން އަދި ހާއްސް އިމްތިޔާޒުތަކާ ގުޅޭ ހާއްސަ އުސޫލުތަކެއް "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމަޓިކް ރިލޭޝަންސް 1961" ގައި ކަނޑައަޅާފައި ވާއިރު، އެ ތަންތަނަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބަޔާނެއް މި ނެރުނީ، ރާއްޖޭގެ ބައެއް މީޑިއާތަކުން އިންޑިއާ ހައިކޮމީޝަނާއި އެތާނގެ ޑިޕްލޮމެޓުންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ހަބަރު ފަތުރާ ރުޅިވެރިކަން އުފައްދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ފިޔަވަޅު އަޅަން ހައިކޮމިޝަނުން ގޮވާލާފައި ވަނި ކޮށެވެ.