ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެވޭކަމުގައި ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އިން ކުރި ސުވަލަކަށް ޖަވާބު ދެއްވަމުން ނާޝިދު ވިދާޅުވީ ޔޫކޭއަށް ވަޑައިގެންފައި ވަނީ މިހާރު ލިބިވަޑައިގެންފައިވާ އަނިޔާތަކުގެ ފަރުވާ ހޯއްދެވުމަށް ކަމަށެވެ. އަދި ރާއްޖެ ވަޑައިގަނެވޭނެ ކަމަށް ލަފާ ކުރެވެނީ މިމަހު ފަހުކޮޅު ކަމަށާ އެކަން ޖެހޭނީ މަޑުމަޑުން ބަލަން ކަމަށް ވެސް ނާޝިދު ވިދާޅުވެފައި ވެއެވެ.

ނާޝިދު ވިދާޅުވީ އެންމެ އުނދަގޫވާ ކަމަކީ ފައިންޕުޅަށް ދޭންޖެހޭ ފަރުވާ އާއި ފައިންޕުޅަށް ފަރުވާ ދޭން ޖެހޭ ގޮތް ކަމަށެވެ. ނަމަވެސް މިހާރު ފަޔަށް ކޮންމެވެސް ވަރަކަށް ބާރު ލުމުގެ ހުއްދަ ޑޮކްޓަރުން ދީފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ.

ފަރުވާ އަދި ނުއެއް ނިމޭ. ރިކަވަރީއާ އޮޕަރޭޝަނާ އަދި އިތުރު ފަރުވާ. އިތުރު ކަމެއް ދިމާވެގެނެއްނޫން. މިހާރު ހުރި އަނިޔާތަކުގެ ފަރުވާ
ޑރ. އިބްރާހިމް ނާޝިދު

ރައީސް ނަޝީދު ޔޫކޭއަށް ފުރާވަޑައިގެންފައި ވަނީ ޖަރުމަނުން އެމަނިކުފާނު ފަރުވާ ހޯއްދެވި ބާލިން ބުންޑެސްވެއާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

އެމަނިކުފާނުގެ ފައިންޕުޅަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯދެއްވުމަށް ފައިގެ ދެ އޮޕަރޭޝަނެއް ޖަރުމަނުގައި ކޮށްފައި ވާއިރު ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފަސޭހަވަމުން އަންނަކަމަށް ބުނެ އާއިލާއިން ވަނީ އެމަނިކުފާނުގެ ފޮޓޯއެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ދިން ވަރުގަދަ ހަމަލާގައި ގޮއްވާލި ބޮމުގެ ރޭޒާފުއްތައް އެމަނިކުފާނުގެ މެއާ ދިމާއަށް ވަދެފައި ހުރި އިރު ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް އޭޑީކޭއިން ބުންޏެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވިދާޅުވެފައެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ރޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައި ވެސް ހުރި ކަމަށެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައި ވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.