ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް ޔޫކޭއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ޔޫކޭއަށް ވަޑައިގެންފައި ވަނީ ޖަރުމަނުގައި އެމަނިކުފާނަށް ފަރުވާދެއްވި ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކޮށްފައި ވެއެވެ. އަދި އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ޖަރުމަނަށް ވަޑައިގަތީ މެއި 13، 2021 ގައެވެ.

އެމަނިކުފާނުގެ ފައިންޕުޅަށް ލޮބިވަޑައިެގންނެވި އަނިޔާތަކަށް ފަރުވާ ހޯދެއްވުމަށް ފައިގެ ދެ އޮޕަރޭޝަނެއް ޖަރުމަނުގައި ކޮށްފައި ވާއިރު ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފަސޭހަވަމުން އަންނަކަމަށް ބުނެ އާއިލާއިން ވަނީ އެމަނިކުފާނުގެ ފޮޓޯއެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ދިން ވަރުގަދަ ހަމަލާގައި ގޮއްވާލި ބޮމުގެ ރޭޒާފުއްތައް އެމަނިކުފާނުގެ މެއާ ދިމާއަށް ވަދެފައި ހުރި އިރު ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް އޭޑީކޭއިން ބުންޏެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވިދާޅުވެފައެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިގަނޑު ތެރެއަށް ރޭޒާފުއް ތައް ވަދެފައި ވަނީ ވާތްފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި އިން ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައި ވެސް ހުރި ކަމަށެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައި ވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.