ދުނިޔޭގެ އެންމެ މުއްސަނދި، މަހުޖަނުންގެ ލިސްޓުގައި ހިމެނޭ މަޝްހޫރު ބައެއް ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ޖައްވީ ރޭހުގެ ވާދަވެރިކަން އިހުނަށް ވުރެ، ވަރުގަދަ ވެއްޖެއެވެ.

މަހުޖަނުންގެ ޖައްވީ ރޭހުގެ ވާދަވެރިކަން ވަރުގަދަ ވެފައި މިވަނީ، މަހުޖަނު ޖެފް ބެޒޯސް، މި ޖުލައި މަހުގެ ތެރޭގައި ޖައްވަށް ދާން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް، މަޝްހޫރު ވިޔަފާރިވެރިޔާ ރިޗާޑް ބްރޭންސަން، ބެޒޯސްއަށް ވުރެ ކުރީގެ ތާރީހެއްގައި ޖައްވީ ފްލައިޓެއް އަޅާނެ ކަން އިއުލާން ކުރުމާއެކުގައެވެ.

ރިޗާޑް ބްރޭންސަންގެ ޖައްވީ ދަތުރު ތާވަލު ކޮށްފައި ވަނީ ވަނީ ޖުލައި 11 ވަނަ ދުވަހަށެވެ. ރިޗާޑް ބްރޭންސަން ޖައްވަށް ދަތުރު ކުރާނީ، އޭނާގެ ވާޖިން ގެލެކްޓިކް ކުންފުނިން އުފައްދާފައިވާ ޔުނިޓީ ރޮކެޓްގެ، ފަހަތު ސީޓުގައެވެ.

މަހުޖަނު ރިޗާޑް ބްރޭންސަން ދަނީ، ޖައްވީ ދަތުރަށް ތަމްރީނު ވަމުން / ފޮޓޯ: ވާޖިން ގެލެކްޓިކް

20 އަހަރު ދުވަހުގެ މަސައްކަތުން އުފައްދާފައިވާ މި ރޮކެޓް، ފަރުމާ ކޮށްފައި ވަނީ ބިމުގެ ސަތަހައިން ފެށިގެން 295000 ފޫޓު އުސް މިނަށް ދަތުރު ކުރެވޭ ގޮތަށެވެ. މި ދަތުރުގައި ބައިވެރިވާ ފަސެންޖަރުންނަށް، ދުނިޔެ ވަށްވާ ސަރަހައްދު ބަލާލެވޭނެ ކަމަށާ، އަދި ކުޑަ ހިނދުކޮޅަކަށް ހަށިގަނޑުގެ ބަރުދަން އިހުސާސް ނުވާ ހިސާބުގައިވެސް ދަތުރު ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރިޗާޑް ބްރޭންސަން އަމާޒު ހިފާފައި ވަނީ، ވިޔަފާރި އުސޫލުން ޖައްވީ ދަތުރުތައް ކުރުމަށެވެ. މިއީ ކާމިޔާބު ވާނެ ވިޔަފާރިއެއް ކަމަށް ބެލެވެއެވެ. އެހެނީ މިހާރުވެސް، މި ފަދަ ދަތުރަކަށް އެދިގެން، 600 އެއްހާ ފަރުދުން، ޑިޕޮސިޓް ފައިސާ ދައްކާފައި ވާ ކަމެވެ. މިއިން ދަތުރެއްގެ ޓިކެޓް އަގު، ގާތްގަނޑަކަށް 250000 ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

މަޝްހޫރު މަހުޖަނު ޖެފް ބެޒޯސް، އޭނާގެ ބްލޫ އޮރިޖިން ކުންފުނީގެ ޖަށްވީ އުޅަނދު ކައިރީގައި މަޑުކޮށްލައިގެން / ފޮޓޯ: ވަޔާޑް

ޖުލައި 11 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ ދަތުރު، ޝެޑިއުލާ އެއްގޮތަށް ކުރިއަށް ހިނގައްޖެއްނަމަ، ރިޗާޑް ބްރޭންސަން ވާނީ، ޖައްވަށް ދަތުރު ކުރި ފުރަތަމަ މަހުޖަނަށެވެ. މި އަމާޒަށް ވާދަ ކުރަމުން އަންނަ ބެޒޯސްގެ ޖައްވީ ދަތުރު ތާވަލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހަށެވެ. ބެޒޯސްގެ ދަތުރުގައި، ތަޖުރިބާކާރު ޖައްވީ ޕައިލެޓެއް ކަމަށް ވާ، އުމުރުން 82 އަހަރުގެ ވޯލީ ފަންކްވެސް ބައިވެރިވާނެ ކަމަށް ފަހުގެ ހަބަރުތައް ބުނެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން