ރައްޔިތުން މަޖިލީހުގެ، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް 3 މިލިއަން ރުފިޔާގެ ޓާސްކެއް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ "މޭ ހަޔެއް" ކޮމިޓީން ބުނެފިއެވެެ.

އެމްޑީޕީގެ "މޭ ހަޔެއް" ކޮމެޓީއަކީ ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ކޮމެޓީއެކެވެ.

މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވީ، މެއި 3 ވަނަ ދުވަހުގެރޭ އެޕާޓީގެ މެންބަރު އަދި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ދިފެންސް މިނިސްޓަރު މާރިޔާ ދީދީ އަށް ދެއްވި ޑެޕިއުޓީ ޕީޖީ ލީޑަރު އިލްޔާސް ލަބީބަށް މީހަކު ގުޅައި ވަރަށް މުހިއްމު ކަމަށް ބުނެ ބައްދަލުކުރަން އެދުނު ކަމަށާއި، އެމީހާއާ ބައްދަލު ކުރެއްވުމުން ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ތިން މިލިއަން ރުފިޔާގެ "ޓާސްކެއް" ބަޔަކާ ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތު އެމީހާ އިލްޔާސަށް ދިން ކަމަށެވެ. އޭރު ކުރިއަށް ދަނީ އެޑްވާންސް ޕޭމަންޓްގެ ކަންކަން ކަމަށް އެމީހާ އިލްޔާސަށް ކިޔައި ދިން ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

އެރޭ އިލްޔާސް ނަޝީދާ ބައްދަލުކުރައްވައި އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށާއި ޑިފެންސް މިނިސްޓަރަށް ގުޅުއްވުމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އެރޭ މާރިޔާ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އިލްޔާސް ވިދާޅުވި ކަމަށް އަފީފް ވިދާޅުވިއެވެ. ޖެހިގެން އައި ދުވަހު ހެނދުނު މާރިޔާ އިލްޔާސަށް ގުޅުއްވި ކަމަށާއި، އެވަގުތު އެ ވާހަކަ އިލްޔާސް ހިއްސާ ކުރެއްވި ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިލްޔާސްގެ ބަޔާން ވަނީ މަޖިލީހުގެ 241 ކޮމިޓީންވެސް ނަގާފައެވެ. އަދި އެ ކޮމިޓީން ވަނީ ނަޝީދުގެ ހަމަލާއާ ގުޅިގެން ސަލަމާތީ ހިދުމަތްތަކާއި އެހެނިގެން ގުޅުން ހުރި ދާއިރާތަކުން ޖުމްލަ 49 މީހެއްގެ ފަރާތުން މައުލޫމާތު ހޯދާފައެވެ. އަދި ހުސްވި މަހުގެ ނިޔަލަށް ރިޕޯޓު ނިންމަން ވިދާޅުވެ މަސައްކަތް ކުރެއްވި ނަމަވެސް އަދި ރިޕޯޓު ނިންމާ ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ މެއި 6، 2021 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި 5 މީހަކަށް ދައުވާ ކުރަން ތައްޔާރުވެފައި ވާއިރު އެހަމަލާގެ ސަބަބުން ނަޝީދަށް ގިނަ ޒަހަމްތަކެއް ލިބިވަޑައިގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑީކޭއިންނެވެ. އޭޑީކޭގެ ޑޮކްޓަރުން އޭރު ވިދާޅުވީ، އެމަނިކުފާނަށް ލިބިވަޑައިގެންފައި ހުރި ޒަހަމްތަކަކީ ސީދާ ފުރާނަފުޅު ދާފަދަ ޒަހަމްތަކެއް ކަމަށެވެ. އަދި އަވަސް ފަރުވާއަށް ފަހު، ޖަރުމަނުވިލާތަށް ވަޑައިގެން ނަޝީދު މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޖަރުމަނުގައެވެ.