ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ހަބަރު ފަތުރާ ކަމަށް ބުނެ ހައި ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށާއި އިންޑިއާއާއި ރާއްޖެއަކީ އެއްބައެއް ކަމަށެވެ. އަދި އެ މީހުންނާއި ދެ ކޮޅަށް ބުނާ އެއްވެސް ބަހެއް ބަލައި ނުގަނެވޭނެ ކަމަށެވެ.

ރާއްޖޭން ހުރިހާ ޑިޕްލޮމެޓިކް މިޝަންއެއްގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް މިފަދައިން ވިދާޅުވި އިރު އެ މައްސަލަ ބަލަން މަޖިލީހުން ވަނީ މޯލްޑިވްސް މީޑިއާކައުންސިލަށް ވެސް ހުށަހަޅާފައި ކަމަށް މެންބަރަކު ވިދާޅުވިއެވެ. އެކަމަކާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނީ އެމްއެމްސީއަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެކޮމިޓީން ނިންމައިގެން ނޫން ކަމަށެވެ. އަދި އެ ކޮމިޓީން ނުނިންމިޔަސް މީގެ ކުރިންވެސް މައްސަލަތައް ބަލަން ހުށަހަޅާ ކަމަށާ އެމައްސަލަ ބަލަން އެމްއެމްސީއަށް ފޮނުވީވެސް އެ އުސޫލުން ކަމަށް އޭނާ "މިހާރަށް" ވިދާޅުވެފައި ވެއެވެ.

މި މައްސަލަ އާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އިންޑިއާ އަށް އަމާޒުވެފައެވެ.

ރާއްޖެއިން އިންޑިއާއާ ބާއްވާ ހާއްސަ ގުޅުމުގެ ތެރެއިން އިންޑިއާއިން އެދޭހާ ކަމަކަށް ރާއްޖެއިން އާނބަސް ބުނާ ކަމަށް ބުނެ ދިވެހިސަރުކާރަށް ރައްޔިތުން ދަނީ ފާޑު ކިޔަމުންނެވެ. އެކަމުގެ ތެރޭގައި ބައެއް މީޑިއާތަކުން އިންޑިއާއަށްވެސް ފާޑުކިޔައެވެ.

ރާޢްޖޭގެ މީޑިއާއެއްގެ ނަން ބޭނުން ނުކޮށް ޖުމްލަކޮށް މީޑިއާތަކަށް ރައްދުވާނެހެން، ބައެއް މީޑިއާތަކުން އިންޑިއާގެ ހައިކޮމިޝަނާއި އެތާންގެ އޮފިޝަލުންގެ ކަރާމާތް ނަގާލައި ނަފްރަތާއި ރުޅިވެރިކަން އުފައްދާ ކަމަށް ބުނެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ހައިކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައެވެ.